އީރާނުން ޕާކިސްތާން މެދުވެރިކޮށް ހުށަހެޅި އާ ހުށަހެޅުންތަކާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެ ގައުމަށް ދޭން ރާވާފައިވާ އަސްކަރީ ހަމަލާތައް މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ، މިއަދު އީރާނަށް ދޭން ނިންމާފައިވާ ހަމަލާތައް ކުރިއަށް ނުގެންދިއުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، އެދެވޭ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، "ފުރިހަމަ އަދި ވަރުގަދަ ބޮޑު ހަމަލާއެއް" ދިނުމަށް ފައުޖުތައް ތިބީ ތައްޔާރަށް ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، ހަމަލާ ދިނުން ފަސްކުރުމަށް ގަތަރާއި ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ލީޑަރުން ބާރުއެޅުއްވި ކަމަށާއި އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
އީރާނުން ވެސް ވަނީ އެ ގައުމުގެ އެންމެ ފަހުގެ ހުށަހެޅުން ޕާކިސްތާން މެދުވެރިކޮށް ވޮޝިންޓަނަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ހުށަހެޅުމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ފަރާތުން ވެސް އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ތަކުރާރުކޮށް ބަދަލުކުރަމުންދާތީ، މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށެވެ.
އީރާނުގެ އަސްކަރީ އޮފިޝަލުން ވަނީ އެމެރިކާގެ އިންޒާރުތަކަށް ރައްދުދީ، އަލުން ހަމަލާއެއް ދީފާނެ ކަމުގެ ބިރަށް ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ. އީރާނުގެ 'ހާތަމުލް އަންބިޔާ' އަސްކަރީ ކޮމާންޑުން ބުނި ގޮތުގައި، އެ ގައުމުގެ ފައުޖުތައް ތިބީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް "ހަލުވި، ހަރުދަނާ، ވަރުގަދަ އަދި ފުޅާ ދާއިރާއެއްގައި" ރައްދު ދޭން ތައްޔާރަށް ކަމަށެވެ.
އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ހުށަހެޅުން ބިނާވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ކަނޑުގެ ދަތުރުފަތުރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްޗަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަހުގެ ތާރީހަކަށް ފަސްކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، އީރާނުން ހިފަހައްޓާފައިވާ ބައެއް މާލީ އެސެޓްތައް ދޫކޮށްލުމަށާއި ބައިނަލްއަގުވާމީ ބެލުމުގެ ދަށުން ސުލްހަވެރި ބޭނުންތަކަށް މަދު މިންވަރަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ފުރުސަތު ދިނުމަށް ވޮޝިންޓަނުން ލުއިތަކެއް ދިނުމަށް ވިސްނަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އެމެރިކާއިން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މަޝްވަރާތަކަށް ފުރުސަތު ދޭން، އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ