ރެއާލްގައި 23 އަހަރު ހޭދަކުރި ކާވަހާލް އެ ޓީމު ދޫކޮށްލަން ނިންމައިފި

މެޑްރިޑް (މެއި 19) - ރެއާލް މެޑްރިޑްގައި 23 އަހަރު ހޭދަކުރި އެ ކްލަބްގެ މިހާރުގެ ކެޕްޓަން، ސްޕެއިނުގެ ޑެނީ ކާވަހާލް، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ. 
ދެ ފަަހަރެއްގެ މަތިން ރެއާލަށް ކުޅުނު މިހާރު އުމުރުން 34 އަަހަރުގެ ކާވަހާލް ވަނީ އެ ޓީމަށް 450 މެޗު ކުޅެދީ އެ ޓީމާ އެކު، 27 ޓްރޮފީ ހޯދައިފަ އެވެ. ރެއާލްގެ ތާރީހުގައި ވެސް އެ ކްލަބާ އެކު އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިންގެ ތެރޭގައި ކާވަހާލް ހިމެނެ އެވެ. ރެއާލަށް މިހާތަނަށް ކާވަހާލް ވަނީ 14 ގޯލު ޖަހައިދީފަ އެވެ. 
މި ސީޒަނަށް ފަހު، ކާވަހާލް، އެ ޓީމު ދޫކޮށްލަން ނިންމީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަަވުމުންނެވެ. 
ކާވަހާލް، ރެއާލްގެ އެކަޑަމީއާ ގުޅުނީ 2002 ވަނަ އަހަރު އެވެ. އެކަޑަމީން ޕްރޮމޯޓްވެގެން އައިސް ގަވާއިދުން ރެއާލްގެ ޓީމުގައި ހިމެނުމަށް ކުރި މަސައްކަތް ކާވަހާލް އަށް ކާމިޔާބެއްނުވި އެވެ. އޭގެ ބަދަލުގައި، ކުޅުމުގެ ފުރުސަތު ހޯދަން، ބަޔާ ލެވަކޫސަނަށް ބަދަލުވި ކާވަހާލް އެ ޓީމުގައި ދެއްކި ކުޅުމުގެ ސަބަބުން، ރެއާލަށް އޭނާ އަނބުރާ ގަންނަން ލިބިފައިވާ އިހުތިޔާރުގެ ބޭނުންހިފައި، އޭނާ ގަތީ އެވެ. އަދި، 2013 ވަނަ އަހަރުން ފެށިގެން ކާވަހާލް އަންނަނީ ރެއާލްގެ ކަނާތު ބެކުގެ މަގާމުގެ އިތުރުން، ސީދާ ޑިފެންޑަރަކަށް ވެސް ކުޅެމުންނެވެ. 
ޗެމްޕިއަންސް ލީގުގެ ތަށި ހަ ފަހަރު އުފުލާލި ކާވަހާލް އަކީ، އެކަން ކުރި ފަސް ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އަދި، އެ ހަ ތަށި ހޯދި ފައިނަލުގައި ފުރަތަމަ އެގާރައިގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި، ރެއާލުން އެންމެ ފަހުން، 2024 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފައިނަލުގައި ލަނޑު ޖަހައި، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. 
މީގެ އިތުރުން، ކާވަހާލް ވަނީ ރެއާލާ އެކުގައި ސްޕެނިޝް ލީގު ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ކްލަބް ވޯލްޑް ކަޕް ހަ ފަހަރު، ޔުއެފާ ސުޕަ ކަޕް ފަސް ފަހަރު އަދި ހަތަރު ފަހަރު ސްޕެނިޝް ސުޕަ ކަޕް ހޯދައިފަ އެވެ. 
މިދިޔަ ދެ އަހަރު ތެރޭ ދެ ފަހަރު ކަކުލުގެ ސީރިއަސް އަނިޔާތަކެއް ކުރިމަތިވި ކާވަހާލަށް މި ސީޒަނުގައި ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ