ރަޝިޔާގެ ތެޔޮ ގަތުމަށް އެމެރިކާއިން ދީފައިވާ ލުއިތަކުގެ މުއްދަތު އިތުރުކޮށްފި

އީރާނު ހަނގުރާމަ އާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ހަކަތަ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން، ރަޝިޔާގެ ކަނޑު މަގުން އަންނަ ތެޔޮ ގަތުމަށް ދީފައިވާ ހާއްސަ ހުއްދަ ނުވަތަ ސެންކްޝަން ވޭވާގެ މުއްދަތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިތުރު 30 ދުވަހަށް އިއްޔެ ދަންމާލައިފި އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ގަލްފުގެ ތެޔޮ ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ "ހަކަތައިގެ ރައްކާތެރިކަން ކުޑަ ގައުމުތަކަށް" އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ.
މި ފިޔަވަޅުގެ ދަށުން، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ހަކަތައާ ބެހޭ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުނުވެ، މިހާރު ވެސް ޓޭންކަރުތަކުގައި ބަރުކޮށްފައިވާ ރަޝިޔާގެ ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް ވަގުތީ ގޮތުން ގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ނިންމުމާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީ ތަނަވަސްކަން ކުޑަ ގައުމުތަކުންނެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެޔޮ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެވެ.
ބެސެންޓް ވިދާޅުވީ، މި ލުއިތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރު ހަމަޖެހުމަކަށް އައުމަށް އެހީތެރިވެދޭނެ ކަމަށާއި އެންމެ ބޮޑަށް ތެލަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރުން ކަމަށްވާ އެލިޒަބަތު ވޮރެން އަދި ޖީން ޝަހީން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި، މިއީ ރަޝިޔާގެ ރައީސް ލަޑީމިއަ ޕޫޓިންއަށް ދެވުނު "ދިފާއު ނުކުރެވޭނެ ފަދަ ހަދިޔާއެއް" ކަމަށެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، މި ކުރު މުއްދަތުގެ ލުއިތަކުގެ ސަބަބުން ބައެއް ގައުމުތަކަށް ކުރިމަތިވެފައިވާ ތެޔޮ ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމުގައިވިޔަސް، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމަށް މީގެން މާ ބޮޑު އަސަރެއް ނުކުރާނެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުން ދަތިވެދާނެ ކަމުގެ ބިރު އޮތުމާ އެކު، ބްރެންޓް ކްރޫޑް ތެލުގެ އަގު ގާތްގަނޑަކަށް %2.6 މައްޗަށް އިއްޔެ ގޮސް، ފީފާއެއްގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ