ޓެރިފް ކަނޑާލުމަކީ ދިވެހި މަސްވެރިންނާއި ޔޫކޭގެ ރައްޔިތުންނަށް ވެސް ލިބުނު ކުރިއެރުމެއް: އިނގިރޭސި ސަފީރު

އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ވިއްކާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ދިވެހި މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެއްކަމަށް އިނގިރޭސި ސަފީރު ސިފަކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ، އެކްސް މެދުވެރިކުރައްވައި ވިދާޅުވީ، އިނގިރޭސިވިލާތުން މަހުގެ ބާވަތްތަކުން ޓެރިފް ނެގުން މެދުކަނޑާލުމަކީ އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވުމަށް މަގުފަހިވެ، އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ދިވެހި މަސްވެރިންނަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފަސޭހަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ނިޒާމުން ބާނާ ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހި އިގްތިސާދަށް އޭގެ ފައިދާ ކުރާނެކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން އައި ވިހި އިންސައްތައިގެ އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މިނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯރޓްކުރުމަށް ދައްކަމުން އައި 20 އިން ސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތެވެ. މިގޮތުން، އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައާއި އެ ގައުމުގެ ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ރައީސް އެދިލެއްވި އެންމެ މުހިއްމު އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑާލުމެވެ.
މިނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ