މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން: ސޯލިހު

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން ކަމަށާއި އެ މަނިކުފާނު ކުރައްވަންވީ ގައުމު އިސްލާހުކުރުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން، ”އިތުބާރު“ ކެމްޕޭން ޓީމުން ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށްބުނެ ދައްކާނީ އެއް ލީޑަރެއްގެ ވާހަކަ ކަމަށާއި މީހުން، މީހުންނަށް ވަނީ މީހުން، މީހުންނަށް ހެދީމަ ކަމަށެވެ.
މަގުމައްޗަށް ނިކުތީމާ ތިމަންނައަށް ފެންނަނީ ފުޅާވެފައި ހުރި ތިމަންނަގެ އަތް އެކަނި ކަމަށްވަންޏާ، ދެނެއް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ބަދުބަހެއް ވިދާޅުވުން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އެ މަނިކުފާނު ކުރައްވާފައި ހުރި މަސައްކަތްތައް އަޅުގަނޑުމެން ބަލައިނުގަންނަނީއެއް ވެސް ނޫން. އަދި އަޅުގަނޑު އެދެން ނޫސްވެރިން ވެސް، ތިބޭފުޅުން ވެސް އަޅުގަނޑު މި ދައްކާ ވާހަކަ އެހެން މާނައެއްގައި ނުނެންގެވުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެ މަނިކުފާނު އަޅުގަނޑުމެންނާ އެކީގައި މި ގައުމު އިސްލާހުކުރުމަށްޓަކައި، މިއަދު ކުރިމަތިވެފައިވާ މަސައްކަތްތައް ކުރުމަށްޓަކައި އަޅުގަނޑު މި ދެންނެވި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓުގައި އަޅުގަނޑުމެން ތިން ރައީސުން މި ފެށި މަސައްކަތްކުރުމުގައި ދެމިހުންނަވަންވީ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު މީކާއީލަށް ތާއީދުކުރައްވައިގެން ކެމްޕޭންކުރައްވަމުން ގެންދެވި ނަމަވެސް މާދަމާ ރައީސް ނަޝީދާއެކު އިށީންނަވައިގެން ތިން ރައީސުންގެ ”ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓު“ގެ މަސައްކަތުގައި އުޅުއްވޭނެ ކަމަށެވެ.
”އެހެން ގޮތަކަށް މާނަ ނުނަންގަވާ. އަޅުގަނޑު ބޭނުމެއް ނޫން ޕާޓީ ތެރޭގައި އިތުރު ތަޅާފޮޅުމަކަށް ދާކަށް، އިތުރު ބައިބައިވުމަކަށް ދާކަށް،“ އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއީލަށް ތާއީދުކުރައްވާ ސަބަބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ނިންމަވާފައިވާ ގޮތުން، އެ މަނިކުފާނު ހޮވިވަޑައިގެންފި ނަމަ، ފެންނާނީ ވަކި ފަރާތަކަށް ޖެހިފައި އޮތް ރިޔާސީ ޕްރައިމަރީއެއް ކަމަށާއި ނަމަވެސް ވަކި ފަރާތަކަށް ނުޖެހޭނެކަމުގެ ޔަގީންކަން މީކާއީލް ދެއްވާފައިވާ ކަމަށެވެ. އަދި މީކާއީލަށް ތާއީދުކުރައްވަނީ އެ ސަބަބާ ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ