ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުން ރަނގަޅެއް ނޫން، އާ ލީޑަރުންނަށް ފުރުސަތު ދޭންޖެހޭ: ސޯލިހު

ޖޫން 12 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިއީ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށްޓަކައި ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާއި ރައީސް ޔާމީން ކުރައްވަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަށްޓަކައި އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގެ ތެރެއިން މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ތިން ރައީސުން ދެމިތިއްބެވުމަކީ މާ މުހިއްމު ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. 
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ،"އެމަނިކުފާނު ވިދާޅުވި އެވެ. 
ޕާޓީއަށާއި ގައުމަށް ނަޝީދު ކުރައްވާފައިވާ މަސައްކަތަކަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް މި އިންތިހާބުގައި މީކާއީލް އަށް ތާއިދު ކުރައްވަން ނިންމެވީ  ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށް ސޯލިހު ވިދާޅުވި އެވެ. 
އެމްޑީޕީއަކީ އަބަދުވެސް އާ ލީޑަރުން އުފައްދާ، ވާދަވެރިކަމަށް ފުރުސަތުދޭ ޕާޓީއެއްކަން ފާހަގަ ކުރައްވައި ސޯލިހު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ޕާޓީގެ ފުރަތަމަ ޗެއާޕާސަންނަޝީދާ ދެކޮޅަށް އާ ބޭފުޅަކު ނުކުމެ ވަރުގަދަ ކެމްޕޭނެއް ކުރުމަކީ ޕާޓީގެ ފަހުރެއް ކަމަށާއި، އެއީ މި ޕާޓީ ވޭތުވެދިޔަ 21 އަހަރު ދެމިއޮތް ސަބަބު ކަމަށެވެ. 
"އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ސީނިއާ ބޭފުޅަކު ކުރިމަތި ލެއްވިޔަސް އެ ބޭފުޅަކާ ވާދަކޮށް ކެމްޕޭންކުރުމުގެ ފުރުސަތު މި ޕާޓީގެ ތެރޭގައި ދެމިއޮތީމަ. މިއީ މި ޕާޓީއާދޭތެރޭގައި އަޅުގަނޑު ފަހުރުވެރިވާ އަނެއް ކަމަކީ،" ސޯލިހު ވިދާޅުވި އެވެ. 
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ 40 ޕަސެންޓަކީ ޒުވާނުން ކަމަށްވާއިރު، އެމްޑީޕީގައި މެންބަރުންގެ ތެރޭގައި މިހާރު ތިބީ އެންމެ 17 ޕަސެންޓު ޒުވާނުން ކަމަށް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ޒުވާން ލީޑަރުންނަށް ފުރުސަތު ނުދެވިއްޖެ ނަމަ ޕާޓީއަށް އޮތް ތާއިދު ކުޑަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
މީކާއިލް ނުކުމެ ހުންނެވީ ޕާޓީ ކުރިއެރުވުމުގެ ސާފު މެނިފެސްޓޯއަކާއެކު ކަމަށާއި، ވަކި ފަރާތަކަށް ނުޖެހި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލުކަން މީކާއިލްގެ ކިބައިގައި ހުންނާނެ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
މާޒީގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ސޯލިހު ވިދާޅުވީ، ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަމުގެ ސަބަބުން ދެ ޖީލެއްގެ ލީޑަރުންނަށް ފުރުސަތު ގެއްލިގެން ދިޔަ ކަމަށެވެ. އޭރު ވަރަށް ވަރުގަދަ، މޮޅެތި ޝަހުސިއްޔަތުން އުފެދުނު ކަމަށާއި ނަމަވެސް އެ ބޭފުޅުންނަށް ގައުމުގެ ވެރިކަމަށް އައުމުގެ ފުރުސަތެއް ނެތެއް ނުލިބުނުކަން ސޯލިހު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ