އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި 550،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ން މިއަދު ބުނި ގޮތުގައި، އެމްޓީސީސީން އެކަން ކޮށްފައިވަނީ، ބާރަށު ކައުންސިލްގެ އެދުމުގެ މަތިން ހިންގި އެ ކުންފުނީގެ ސީއެސްއާރުގެ މަސައްކަތެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. މަގު ފުޅާކޮށް ސާފުކުރުމުގެ ގޮތުން އެ ކުންފުނިން ކަނޑާފައިވަނީ، ބާރަށު ކުޅި އާއި ފާ އަދި ޗަސްބިން ސަރަހައްދުގައި ހިމެނޭ ރުއްގަހެވެ.އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި "ބަނޑޭރި ޕޭ" މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް އީއާރްއޭގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.އެ އޮތޯރިޓީއިން ބުނި ގޮތުގައި އެ ފައިސާއަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000 ރުފިޔާއާއި ރައްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 50،000 ރުފިޔާ އެވެ.އަދި ބާރަށުގެ މަގު ހެދުމަށް ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އެ އޮތޯރިޓީއިން އެމްޓީސީސީއަށްް އަންގާފައިވާނެ ކަަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.އޭގެ އިތުރަށް އެ އިއުލާނުގައި ވަނީ ބާރަށުގެ ކައުންސިލުން އެ މައްސަލަ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.ބާރަށުން ރުއްގަސް ކެނޑި މައްސަލާގައި އެމްޓީސީސީ ޖޫރިމަނާ ކުރިއިރު، މީގެކުރިން އެފަދަ މައްސަލައެއްގައި އެރަށު ކައުންސިލް ވެސް ޖޫރިމަނާކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ