ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ނިރުބަވެރި ޙަމަލާއެއްގައި ޝަހީދުކޮށްލި ޙަމާސް ޖަމާޢަތުގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު މުޙައްމަދު ޢޫދާގެ ޖަނާޒާ ބާއްވައިފިއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ކުރާ ޙަމާސްގެ އިސް ކޮމާންޑަރުގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، އެ ޙަމަލާގައި އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅާއެކު ޖުމުލަ ހަ މީހުން ޝަހީދުކޮށްލައި، އިތުރު 20 މީހަކު ވަނީ ޒަޚަމުކޮށްލާފައެވެ.
ޢާއިލާއާއެކު ޢޫދާ ދިރިއުޅޭ ގެޔަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި އޭނާ ޝަހީދުކޮށްލި ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމަށް ކުރަމުންދާ ޖިހާދުން ފަހަތަށް ނުޖެހޭނެ ކަމުގައި ޖަނާޒާގައި ބައިވެރިވި ގިނަ ބަޔަކު ބުންޏެވެ. ޢޫދާ ޝަހީދުކޮށްލާފައިވާ ކަން ޙަމާސުން ކަށަވަރުކޮށްދީފައެއް ނެތެވެ.
ޙަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުގެ މަޤާމަށް ޢޫދާ ޢައްޔަންކޮށްފައި ވަނީ، މީގެ 15 ވަރަކަށް ދުވަސްކުރިން ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި ޢިއްޒުއްދީން އަލް-ޙައްދާދް ޝަހީދުކޮށްލުމާ ގުޅިގެންނެވެ. 2023 އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސުން ޔަހޫދީ ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ޖިހާދީ ޙަމަލާގައި ޢޫދާ އިސް ދައުރެއް އަދާކޮށްފައިވާ ކަމުގައި ޔަހޫދީން ތުހުމަތުކުރެއެވެ. އެ ޙަމަލާތަކުގައި ބައިވެރިވި ޙަމާސްގެ އިސް ކޮމާންޑަރުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުން ޝަހީދުކުރުމަށް ޔަހޫދީ ފައުޖުން ދަނީ ނިރުބަވެރި ޖަރީމާތަކެއް ހިންގަމުންނެވެ.
މޭ 27 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ނިރުބަވެރި ޙަމަލާތަކެއްދީ، 10 މީހުން ޝަހީދުކޮށްލާފައެވެ. އެ ޙަމަލާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭއިރު، އިތުރު 18 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. އެ ޙަމަލާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޢިމާދު ސަލީމް ހިމެނޭ ކަމުގައި ޙަމާސްއާ ގުޅުން އޮތް މަޞްދަރުތަކުން ބުންޏެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި، ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރުކުރަމުން ދިޔުމާއެކު، ޔަހޫދީންނާއި ޙަމާސާ ދެމެދު ސުލްްޙައިގެ އެއްބަސްވުމެއް އެކުލަވައިލެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކަށް ވަނީ ހިޔަނިއެޅިފައެވެ. ޣައްޒާއިން ފޭބުމަށް ޔަހޫދީ ސަރުކާރާއި ފައުޖުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް މަޖުބޫރުކުރުވަމުންނެވެ. 1948 ވަނަ އަހަރުގެ ނަކްބާއާ އެއްފަދަ ޖަރީމާތަކެއް ހިންގުމަށް ޔަހޫދީން ތައްޔާރުވަމުންދާ ކަމުގައި ފަލަސްޠީނުގެ ރައްޔިތުންނާއި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ޓްރަމްޕްގެ އިސްވެ ފެށްޓެވި މަސައްކަތުގެ ދަށުން 2025 އޮކްޓޫބަރުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދިޔަ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 900 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމުކޮށްލާފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ.
އޮކްޓޫބަރުގެ އެއްބަސްވުމަށްފަހު ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް މި ވަގުތު އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ.
ނަމަވެސް، ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން ސުލްޙައިގެ މަޝްވަރާތަކަށް ބުރޫއަރާފައިވާއިރު، އަތްގަދަކޮށްފައިވާ ބިންތަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ. އަދި، ހަތިޔާރު ބެހެއްޓުމަށް ޙަމާސުން ވެސް އެއްބަސްވެފައެއް ނުވެއެވެ.
ޔަހޫދީ ފައުޖުން ޙަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ