މައްކާއާއި ޙައްޖު ބިންތަކުގެ ހޫނުމިން މައްޗަށް ދަނީ ކީއްވެ؟

ކޮންމެ އަހަރެއްގެ ޙައްޖު މޫސުމުގައި ވެސް މައްކާއާއި މިނާގެ ހޫނުގަދަ ވާހަކަ އިވެއެވެ. 2024 ވަނަ އަހަރުގެ ޙައްޖުގައި ހޫނުމިން ރެކޯޑް މިންވަރަކަށް އެރިއެވެ. އެއީ 51.8 ޑިގްރީ ސެލްސިއަސްއަށެވެ. އެ ފަހަރު މަދުވެގެން 1،300 ޙައްޖުވެރިން ނިޔާވެ، 2،700 އަށްވުރެ ގިނަ މީހުންނަށް ހޫނުގެ ސަބަބުން އެކިވަރުގެ ޞިއްޙީ މައްސަލަ ކުރިމަތިވިއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައިވެސް އިހުސާސު ކުރެވޭ ހޫނުމިން ގާތްގަނޑަކަށް 50 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރާފައެވެ.
ސުވާލަކީ، މައްކާ އެހާ ހޫނުވަނީ ކީއްވެ ހެއްޔެވެ؟
ހޫނުވުމަކީ ހަމައެކަނި މޫސުމާ ގުޅިގެން ވާކަމެއްނޫނެވެ. އެއީ ޖިއޮގްރަފީއާއި، މޫސުމީ ބަދަލާއި، އިންސާނީ ހަރަކާތްތައް އެކުވެގެން އުފެދޭ ނުރައްކާތެރި ހާލަތެކެވެ.
މައްކާ އޮންނަނީ ސަޢުދީ ޢަރަބިއްޔާގެ ހިޖާޒް ސަރަޙައްދުގެ ހިމަ ސަހަރާ ވާދީއެއްގައި، ފަރުބަދަތަކުން ވަށައިލެވިފައެވެ. ކަނޑުގެ ލޮނުގަނޑަށްވުރެ 277 މީޓަރު އުހުގައި، ރެޑް ސީ ނުވަތަ ރަތް ކަނޑާ 70 ކިލޯމީޓަރު ދުރުގައެވެ. ފަރުބަދަތައް ވައި ހުރަސްކުރާތީ ވާދީ ތެރޭގައި ވައި ހުއްޓި، ހޫނު ގަދަވެގެންދެއެވެ. ވާދީއެއްގެ ތެރޭގައި ބެދިފައި އޮތުމުން ހޫނު ވައި ބޭރަށް ނުދެވި، ބިމުން ހޫނު ދައުރުކޮށް، ހޫނުމިން އެތައް ގުނައެއް މައްޗަށް ދެއެވެ.
މައްކާގެ މޫސުމަކީ ހޫނު ސަހަރާ މޫސުމެކެވެ. ހޫނު މޫސުމުގައި ދުވާލު ގަޑީގައި 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހޫނުމިން ދެއެވެ. އެންމެ ހޫނު ދުވަސްތަކުގައި 47 ނުވަތަ 48 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އެރުމަކީ ޢާންމު ކަމެކެވެ.
ހޫނުމިނުގެ ނަންބަރަށް ވުރެ މީހާގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑުވަނީ ހޫނާއި ތެތްކަން އެކުވީމައެވެ. ވައިގައި ހޫނާއި ތެތްކަން އެކުވެ، އިހުސާސުކުރެވޭ ހޫނުމިން އިތުރުވެއެވެ. މިހާލަތުގައި ހަށިގަނޑު ފިނިކޮށްދޭ ނިޒާމަށް މަސައްކަތް ކުރަން އުނދަގޫވެއެވެ. ފާއިތުވި 30 އަހަރު ތެރޭގައި އިހުސާސްކުރެވޭ ހޫނުމިން ގާތްގަނޑަކަށް އިތުރު 2 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައިވެއެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެވްރެޖަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑަށް ހޫނުވަމުން އަންނަ ސަރަޙައްދެކެވެ. ޢަރަބި ޤައުމުތަކުގެ ހޫނުމިން ދުނިޔޭގެ އެވްރެޖަށް ވުރެ ތިން ގުނަ ގަދައެވެ. މީގެ މައިގަނޑު ސަބަބަކީ ސަހަރާގެ ހިކި ބިމުން ފެން އާވިވެ ފިނިކޮށްދިނުމުގެ ޤާބިލުކަން ކުޑަވުމެވެ.
ދިރާސާތަކުން ދައްކާގޮގައި މައްކާގެ ހޫނުމިން ކޮންމެ ދިހަ އަހަރަކުން 0.4 ޑިގްރީ ސެލްސިއަސް މައްޗަށް ދެއެވެ. ފާއިތުވި 30 އަހަރު ތެރޭގައި އިހުސާސްކުރެވޭ ހޫނުމިން ގާތްގަނޑަކަށް އިތުރު 2 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައިވެއެވެ. އަދި 2100 ވަނަ އަހަރާ ހަމައަށް އަންނައިރު ޢަރަބި ޤައުމުތަކުގެ ހޫނުމިން 9 ޑިގްރީ ސެލްސިއަސްއާ ހަމައަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ.
ތޮއްޖެހުން ބޮޑުވުމަކީވެސް ހޫނުމިން މައްޗަށްދާ އެންމެ ބޮޑު އެެއް ސަބަބެވެ. މި ބިންތަކުގައި ރަށްފުށާ އަޅާ ބަލާއިރު 1 އާއި 3 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ހޫނުމިން މަތިވެއެވެ. ތޮއްޖެހިފައިވާ ޢިމާރާތްތަކާއި، ގަސްގަހާ ގެހި މަދުކަމާއި، އަދި ޙައްޖު މޫސުމުގައި މީހުން ގިނަވުމުން މި ހޫނު އިތުރަށް ގަދަކަން އިހުސާސްކުރެވެއެވެ. އެއްތަނަކަށް ގިނަބަޔަކު ޖަމާވީމަވެސް ހޫނު ބޭރުކުރަން އުނދަގޫވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ