ދަނޑުގައި ކުޅެން އަރައި ހުންނައިރު އޭނާ އަށް ވެސް އެންމެ ބޮޑު ހިތްވަރަކަށް ވަނީ ސަޕޯޓަރުން ފަހަތުގައި ތިބުމުން ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް ބުނެފި އެވެ.
ގައުމީ ސްކޮޑްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ދަގަނޑޭއާ އެކު، ގައުމީ ޓީމު ތައްޔާރުވަމުން ދަނީ އަންނަ ހޯމަ ދުވަހު މަލޭގައި ފަށާ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާޗް މަހު 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު، ރާއްޖެއަށް ކާމިޔާބުކޮށް ދިނުމުގައި ދަގަނޑޭ، މުހިންމު ދައުރެއް އަދާކުރި އެވެ. އުމުރުން މިހާރު 40 އަހަރުގެ ދަގަނޑޭ އެ މެޗުގައި ކުޅެން ނުކުތީ، ފަހު 10 މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އެ މެޗަށް ފަހު ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނީ، ދަގަނޑޭ ކުޅެން ނުކުތުމާ އެކު އެހެން ކުޅުންތެރިންނަށް ވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.
ދަގަނޑޭ އެ ހިތްވަރު ހޯދަނީ ކިހިނެއް ހެއްޔެވެ. ޕީއެސްއެމްއަށް ދިން އިންޓަވިއުގައި ގައުމީ ޓީމަށް 58 ލަނޑު ޖަހައިދީފައިވާ ދަގަނޑޭ ބުނީ އޭނާ އަށް އެ ހިތްވަރު ލިބެނީ ސަޕޯޓަރުން ފަހަތުގައި ތިބޭތީ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑު ކުޅެން އަރައި ދަނޑުމަތީގައި އެ ހުންނައިރު ސަޕޯޓަރުންގެ އެ ސަޕޯޓް ލިބުނީމަ އިތުރު ހިތްވަރެއް ލިބޭ ކުޅެން ހުންނައިރު ވެސް،" އޭނާ ބުންޏެވެ.
"(ސަޕޯޓަރުންނަކީ) 12ވަނަ ކުޅުންތެރިޔާއޭ އެ ކިޔަނީ ވެސް ކަމެއް ވީމަ ކަންނޭނގެ. އަޅުގަނޑު އުއްމިދު ކުރަން މި މުބާރާތުގައި ވެސް ހަމަ ދަނޑު ފުރާލާނެކަމަށް."
މުބާރާތަށް އެކުލަވާލި ސްކޮޑްގެ އުމުރުގެ ނިސްބަތަކީ 25 އަހަރު ކަމަށް ކޯޗު އުރްބާނީ ބުންޏެވެ. ދަގަނޑޭ ވެސް ބުނީ މިފަހަރުގެ ސްކޮޑްގައި ގިނައީ ވެސް ޒުވާން ކުޅުންތެރިން ކަމަށެވެ."އެހެންވެ އަޅުގަނޑު އުއްމީދުކުރަން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް،" އޭނާ ބުންޏެވެ.
ދިވެހި ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަ ކުރަން ކުޅޭ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ އަފްޣާނިސްތާނާއި ޕާކިސްތާނު އަދި ބަންގްލަދޭޝެވެ. ބަންގްލަދޭޝުން ވާދަކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ދަގަނޑޭ ބުނީ ކުރިމަތިލާން ޖެހޭ ޓީމާ މެދު ނުވިސްނައި ރާއްޖޭގެ ގޭމް ކުޅެފިނަމަ، ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ގައުމުގައި ކުޅެން ފުރުސަތު ލިބުމަކީ ބޮޑު އެޑްވާންޓޭޖެކެވެ.
"ދެން ފުރަތަމަ ބަލަމާ ހިނގާ ރާއްޖޭގައި ރާއްޖެ ޓީމު ކުޅޭއިރު އޮޕޯނަންޓާ މެދު އެހާ (ބޮޑަށް) ނުވިސްނައި އަހަރެމެންގެ ގޭމް އަމިއްލަ އަށް ކުޅެވިއްޖެއްޔާ. އެ ގޭމް ކުޅެވިއްޖެއްޔާ އިންނާނީ ރަނގަޅަށްހެން ހީވަނީ،" އޭނާ ބުންޏެވެ.
ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ ހެންވޭރު ދަނޑުގަ އެވެ. އަދި މީގެ ކުރިން މުބާރާތްތަކާ ކުރިމަތިލާއިރު ބޭރުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދެ އެވެ.
"ދެން ލިބުނު ދުވަސްކޮޅާ ބަލާފައި. ޕްރެކްޓިސްތައް މިކުރަން ލިބުނު ދަނޑާއި ދެން ޓްރޭނިން ކޭމްޕެއް ނުދެވުމާއި މިކަހަލަ ކަންތައްތައް ހުރީމަ ދެން މިކަހަލަ ކުޑަކުޑަ އުނދަގޫ ދަތިތަކެއް އެބައުޅޭ،" ދަގަނޑޭ ބުންޏެވެ.
އެކަމަކު އޭނާ ބުނީ އެ ގޮންޖެހުންތަކާ އެކު ވެސް މުބާރާތަށް ޓީމުން ވާ ތައްޔާރީތައް ޖުމުލަކޮށް ރަނގަޅު ކަމަށެވެ.
"އަނެއްހެން އޯވަރޯލްކޮށް ރަނގަޅު ކަންނޭނގެ މިދާގޮތް،" ދަގަނޑޭ ބުންޏެވެ.
ދަނޑުމަތީގައި ދަގަނޑޭ އެ ދައްކާ ހިތްވަރުގެ އަސްލަކީ ސަޕޯޓަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ