ރައީސް އޮފީހުގެ ވެބަސައިޓުން ސިޔާސީން ފުހެލުމަކީ އޮޅުވާލުމެއްގެ ފެށުން

ފޮރުވާނެ އެއްޗެއް ނެތްކަމަށް ބުނެ ވައުދުވެގެން ވެރިކަން ހޯދި ޑރ. މުއިއްޒު ދޮގުވެރިކަމުގެ ބޮޑުކަމާއެވެ. ވެރިކަމަށް އައިސް ހާމަކުރަން ބުނި އެކައްޗެއް ވެސް ހާމަ ނުކުރިތާ ކުރިއްސުރެ ހާމަކުރަމުން އަންނަ ކަންކަންވެސް ކުރަނީ ސިއްރެވެ. 
ކުރިއްސުރެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ ހުރިހާ މަގާމެއްގައި ތިބޭ ބައެއްގެ މައުލޫމާތު އުނި އިތުރެއްނެތި ރައީސް އޮފީގުގެ ވެބްސައީޓްގައި ޝާއުއުކުރެއެވެ. އޭގެ އިތުރަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އުފައްދާ މަގާމުތަކާއި އެމަގާމުތަކަށް އައްޔަނުކުރާ އެކިފެންވަރުގެ ސިޔާސީވެރިންގެ މައުލޫމާތުވެސް ރައީސް އޮފީގެ ވެބްސައިޓްގައި ހާމަކޮށް ފެންނަން ހުރެއެވެ. 
ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ސަރުކާރުގެ އައްޔަނީންގެ މައުލޫމާތުވަނީ އޮޅުވާލާފައެވެ. ސަރުކާރުގެ ހުރިހާ ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތު ފުރަތަމަ ދުވަހުއްސުރެ މުއިއްޒު ވަނީ ސިއްރުކޮށްފައެވެ. ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތުވެސް ރައީސް އޮފީހުގެ ވެބްސައީޓްގައި ފެންނާކަށް ނުހުރެއެވެ. އަމްދުން މަދުންނޫނީ އެސްޕީޑީންނާއި ÷ިޑީންނާއި އެނޫންވެސް ސިޔާސީގޮތުން މުސާރަދޭ ގިނަ މީހުންގެ މައުލޫމާތު މިހާތަނަށްވެސް މުއިއްޒު އައީ ސިއްރުކުރަމުންނެވެ. 
115 ވަނަ މާއްދާގެ ދަށުން މަގާމު ދީގެން މުސާރަދެނީ ކޮންބައަކަށްކަން ބުނެނުދޭތާ ސިޔާސީ ބޭނުމުގައި ވަޒީފާދީފާ ތިބޭ މީހުންގެ ސައްހަ އަދަދު ވޭސް މުއިއްޒުވަނީ ސިއްރުކޮށްފައެވެ. ސަރުކާރުގެ މަތިބަރުވެ ސިޔާސީ އައްޔަނީންގެ އަދަދު ތިންހަތަރު ހާހަށް އަރައިގެން ދިޔައިރު އެއިގެ މައުލޫމާތު ހޯދަން އެކިގޮތްގޮތުން މީހުން ކުރިހާ މަސައްކަތްވެސްވީ ބޭކާރެވެ. 
އެންމެފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ބަސްބުނުމުން ސިޔާސީ ބޭނުމުގައި ހަމައެއް ލަމައެއްނެތި ސަރުކާރުން ވަޒީފާ ބެހިކަމަށް މުއިއްޒު ވަނީ އެއްބަސްވެފައެވެ. ވަޒީފާގައި ތިބި މީހުންގެ ޕާފޯމަންސް ބެލުމަށްފަހު ބޭކާރު މީހުން ވަޒީފާއިންވަކިކުރާނެކަމަށް މުއިއްޒުވަނީ ބުނެފައެވެ. މެރިޓަށް ބިނާކޮށް ނޫނީ ދެން އެއްވެސް މީހަކަށް ވަޒީފާ ނުދޭނެކަމަށް ވެސް ބުންޏެވެ. 
މުއިއްޒުގެ ސިޔާސީ ތާއީދު ބޮޑުކުރަން ވަޒީފާ ދީފައި ތިބި ގިނަ ބަޔަކު ކަނޑާއުކާލުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެން ކަމުން އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މުއިއްޒަކަށް ނުކުރެވޭނެއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ވަޒީރުންނޫން ބައެއްގެ މައުލޫމާތު ނުބެހެއްޓުމަކީ މީހަކު ވަޒީފާގައި ހުއްޓެއް ނެތެއް އާއްމުކޮށް އެގުނަ ނުދިނުމައްޓަކާ ކުރިކަމެކެވެ. ސަރުކާރުގެ ސިޔާސީ މުސާރަވެރިންނަކީ ކޮންބައެއްކަން ފެންނާނެ ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އެއްވެސް ވުޒާރާއެއްގެ ރަސްމީ ވެބްސައިޓަކުން ވެސް އެތަނަކާ ގުޅުންހުރި ސިޔާސީވެރިންގެ މައުލޫމާތެއް ފެންނާކަށް ނުބަހައްޓާނެއެވެ. 
އާހިރުގައި މުއިއްޒު ގަޔާނުވާ މަދުމީހަކު ނޫނީ ސަރުކާރުން ކަނޑައެއް ނުލާނެއެވެ. ދައުލަތުގެ ފައިސާއިން މުއިއްޒުގެ އައުވާނުނަށްކުރާ އިސްރާފު ފުކެއްވެސް މަދެއް ނުކުރާނެއެވެ. ޕާފޯމެންސްއޭ މެރިޓޭ ކިޔައިގެން ދެއްކި ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޔާސީ ވެރިންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ނުހިމަނާން ނިންމި ނިންމުމަކީ ބޮޑު އޮޅުވާލުމެއްގެ ފެށުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ