ވޯލްޑް ކަޕް 2026: އީރާން ޓީމަށް އެމެރިކާއަށް ވަދެވޭނެ ވިސާ ހަމަޖައްސައިދިނުމަށް ފީފާގައި އެދިއްޖެ

މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް ވަދެ ނިކުމެވޭނެ މަލްޓިޕްލް އެންޓްރީ ވިސާ ހަމަޖައްސައިދިނުމަށް ފީފާގެ ކިބައިން އެދިފައިވާ ކަމަށް އީރާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ. އީރާންގެ މީޑިއާތަކުން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައި އެ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، ކުޅުންތެރިންނަށް އެމެރިކާއަށް ވަދެ އަދި އަނބުރާ މެކްސިކޯއަށް ދެވޭނެ އިންތިޒާމު ފީފާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އީރާން ޓީމުން ކުރިން ނިންމާފައި އޮތީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކޭމްޕް ކުރުމަށެވެ. ނަމަވެސް، ވިސާގެ މައްސަލަތަކުން ސަލާމަތްވުމަށާއި އީރާން އެއާގެ ފްލައިޓްތަކުގައި ސީދާ މެކްސިކޯއަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި، މިހާރު ވަނީ ޓްރޭނިންގ ކޭމްޕް މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކޮށްފައެވެ. "މިހާރު ޔަގީންވެފައިވަނީ އަޅުގަނޑުމެން ދާނީ މެކްސިކޯއަށް ކަން. ޓީމު އަންނަނީ މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރުވަމުން،" މަހްދީ ތާޖް ވިދާޅުވިއެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނެނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕްގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. އެގޮތުން ޖޫން 16 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށް ފުރަތަމަ މެޗު ކުޅުމަށްފަހު، ދެން ބައްދަލުކުރާނީ ބެލްޖިއަމް އަދި އީޖިޕްޓާއެވެ. މީގެ އިތުރުން، އީރާންގެ ތަރި ސަރުދާރު އަޒްމޫން ޓީމުން ބާކީކޮށްފައިވާ މައްސަލައިގައި ތާޖް ވިދާޅުވީ އޭނާގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އީރާނަށް 57 ލަނޑު ޖަހައިދީފައިވާ އަޒްމޫން ޓީމުން ބާކީކުރީ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ތާއީދުކުރުމާއި، ދުބާއީގެ ވެރިޔާއާއެކު ފޮޓޯއެއް އާންމުވުމާ ގުޅިގެން ދައުލަތުގެ މީޑިއާގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަޒްމޫން އަނބުރާ ޓީމަށް ގެނައުމަށް އީރާންގެ ނައިބު ރައީސަކުވެސް ވަނީ ގޮވާލައްވާފައެވެ. އަޒްމޫން އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ އެހެން ގައުމަކުން ލިބުނު ބޮޑު މާލީ ހުށަހެޅުމެއް އޭނާ ދޫކޮށްލި ކަމަށާއި، އޭނާއަކީ "އީރާންގެ ދަރިއެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ