މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަން މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް އޮންނާނެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއުލާންކޮށްފި އެވެ.
ވީ ކިިހިނެއް؟ - އެއީ ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.
ދިވެހި ނޫސްވެރިންގެ އިތުރުން ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ބިލު ބޭރުކޮށްލަން ގޮވާލަމުން ދަނިކޮށް، ބިލު ތަޅުމަށް ބަލައިގަނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން މިރޭ ފޯރަމެއް ބާއްވާނެކަން އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ވަނީ ޕޯސްޓްކޮށްފަ އެވެ. އެ ގޮތުން:
ފޯރަމް އޮންނާނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި
ފޯރަމް ފަށާނީ މިރޭ 8:45ގައި
ތަފްސީލް - އެމްޖޭއޭއިން ބުނީ ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރަން އެމްޖޭއޭއިން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިދިޔަ ދެ ދުވަހު ހަވީރު އާންމު ތަންތަނަށް އެއްވެ ތިބި މީހުންނަށް، ބިލުން އާންމުންނަށް ކުރާނެ އަސަރު ލިޔެފައިވާ ލީފްލެޓްތަކެއް ވަނީ ބަހައިފަ އެވެ. މި ހަރަކާތުގެ ތެރެއިން ވެސް ބައްދަލުވާ މީހުނަށް ބިލުގެ ތަފްސީލްތައް ނޫސްވެރިން ކިޔައިދިނެވެ.
ފާހަގަކޮށްލެވޭ - މީޑިއާ ކޮންޓްރޯލް ބިލުއާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރި އެވެ. އެ ގޮތުން:
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ އެ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރި
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައި
އެމްޖޭއޭއިން ވަނީ ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގައި އެދިފަ އެވެ. އެއީ މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކުރުން ހިމެނޭ ގޮތަށް، މީޑިއާ ކައުންސިލްގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ގެންނަންވީ އިސްލާހުތަކުގެ ދިރާސާއެއް ވެސް ހަދައި މަޖިލީހަށް ހިއްސާކުރުމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ 151 ނޫސްވެރިންގެ ސޮޔާ އެކު މި ބިލު ބޭރުކުރަން ގޮވާލާފައިވާ ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު އަނބުރާ ގެންދިޔައީ ފާޑުކިއުންތައް އަމާޒުވުމުންނެވެ.
ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެ އާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ.
ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި އެވެ. އޭޖީ އޮފީހުން ފަހުން ވަނީ ބިލަށް ބައެއް އިސްލާހުތަކެއް ވެސް ގެންނަން ކޮމިޓީއަށް ފޮނުވައިފަ އެވެ.
މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން 'ހިޔާލާއި ފިކުރު ކަފުނަށް' ނަމުގައި މިރޭ ފޯރަމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ