ވާނުވާ ބަންދުގައި ހުރި ޝަމްއާން މާދަމާ ކޯޓަށް ހާޒިރުކުރަނީ

ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކާ ގުޅިގެން އޭނާ މާދަމާ ކޯޓަށް ހާޒިރު ކުރުމަށް ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓުގައި ޝަމްއާންގެ ޝަރީއަތްތައް ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރު ފަހަށެވެ. ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ ހުރީ ހައްޔަރުކޮށްފައެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިދިޔަ ޖޫން މަހު ފެށުނުއިރު، ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާ ކޮށްދިނުމަށް އޭނާ އޮތީ އެދިފައެވެ. އެހެންނަމަވެސް އޭނާގެ ބަންދަށް މިހާތަނަށް ކޯޓުން ލުޔެއް ދީފައެއް ނުވެއެވެ. އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔައެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. ޝަމްއާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯޑްރިންގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި ޝަމްއާންގެ އާއިލާއިން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޝަމްއާން އެ މައްސަލައިގައި ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ