ޗާލީ ކާކްގެ ގާތިލު ދެއްކީ އާއިލާއިން
އެމެރިކާގެ ނުފޫޒުގަދަ ކަނާތި ފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކަށް ބަޑިން ހަމަލާދީ މަރާލި މީހާ 33 ގަޑިއިރަށްފަހު ހައްކަރުކޮށްފިއެވެ. އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަޑިޖެހިތާ ގާތްގަނޑަކަށް 33 ގަޑިއިރު ފަހުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރީ ޓައިލާ ރޮބިންސަން ކިޔާ 22 އަހަރުގެ ޒުވާނެއް ކަމަށެވެ. ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް އެ އިދާރާއަށް 11،000 އަށް ވުރެ ގިނަ ޓިޕް ލިބިފައިވާއިރު، މިއީ 2013 ވަނަ އަހަރު ބޮސްޓަން މެރެތަންގައި ބޮން ގޮއްވާލި ފަހުން ލިބުނު އެންމެ ގިނަ ޓިޕް ކަމަށް އޭނާ ވިދާޅުވިއެވެ. ކޭޝް ވިދާޅުވި ގޮތުގައި ރޮބިންސަން ހައްޔަރުކުރީ އާއިލީ ގޮތުން ދަންނަ މީހަކާއި ގާތްތިމާގެ މީހަކު އެ ސަރަހައްދުގެ ޝެރިފްގެ އޮފީހަށް އެކަން އެންގުމުންނެވެ. ޗާލީ ކާކްގެ ހަނދާނުގައި މާބޮނޑި ބަހައްޓާފައި. ފޮޓޯ/އޭއެފްޕީ ސެކިއުރިޓީ ކެމެރާތަކުން ލިބުނު ފްޓޭޖްތަކާއި ސްޓްރީމިން ޕްލެޓްފޯމް ޑިސްކޯޑްގައި ޝައްކު ކުރެވޭ މީހާގެ ޕްރޮފައިލުން އެއްކުރި ހެކިތަކުންވެސް ތަހުގީގަށް އެހީތެރިކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތުހުމަތުކުރެވޭ މީހާ ހަމަލާ ދިނުމަށް ފަހު ފުރާޅުމަތިން ދުވަމުން ގޮސް ފުންމާލައި، ގަސްތަކެއްގެ ތެރެއަށް ވަދެ ފިލާތަން ފެންނަ ވީޑިއޯއެއް މީގެކުރިން ވަނީ އާންމުކޮށްފައެވެ. އެހެން ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުންނަނީ ކޮންވާސް ބޫޓާއި ކަޅު ކުލައިގެ ބޭސްބޯލް ތޮއްޕަކާއި އަވި އައިނެއް އަޅައިގެންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށްވާ އުމުރުން 31 އަހަރުގެ ކާކް މަރުވީ 3،000 މީހުން ބައިވެރިވި ކެމްޕަސް އިވެންޓެއްގައި ސްޓޭޖުގައި ވާހަކަ ދައްކަމުން ދަނިކޮށް ބަޑިޖެހުމުންނެވެ. ޓްރަމްޕް ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ