ހަސީނާގެ ވެރިކަމުގައި އަހަރަކު 16 ބިލިއަން ޑޮލަރުގެ ޚިޔާނާތް ހިންގި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ 15 އަހަރު ވީ ވެރިކަމުގައި 234 ބިލިއަން ޑޮލަރު ނުވަތަ އަހަރަކު ގާތްގަޑަކަށް 16 ބިލިއަން ޑޮލަރުގެ ޚިޔާނާތް ވެފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން އާންމުކުރި ޑޮކިއުމެންޓްރީ ރިޕޯޓެއްގައި ބުނެފިއެވެ. 'ބަންގްލަދޭޝް މިސިންގް ބިލިއަންސް، ސްޓޯލަން އިން ޕްލެއިން ސައިޓް' ގެ ނަމުގައި އާންމުކުރި އެ ރިޕޯޓުގައި ކޯޕަރޭޓް ލީޑަރުންނާއި ސްޕެޝަލިސްޓުންނާއި ސިޔާސީ މީހުންވެސް ވާހަކަ ދައްކާފައިވެއެވެ. އަދި އެފަދަ ބޮޑު ޚިޔާނާތެއް ވީ ކިހިނެއް ކަމާއި އެ ފައިސާ އަނބުރާ ހޯދިދާނެތޯ އެ ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ. ޑޮކިއުމެންޓްރީ ފަށާފައި ވަނީ ހަސީނާގެ ވެރިކަމުގެ ދައުރަށް އަލި އަޅުވާލާފައެވެ. ހަސީނާގެ ވެރިކަން ވައްޓާލުމުގައި އިސް ދައުރެއް އަދާކުރި ދަރިވަރުންގެ ލީގުގެ ދެ ލީޑަރުން ކަމަށްވާ ރާފިއާ ރަހެނޫމް ހިރިދީ އާއި ރެޒްވާން އަހުމަދު ރީފަތުގެ ވީޑިއޯއެއްވެސް ޑޮކިއުމެންޓްރީ ފެށޭ ހިސާބުގައި ފެނެއެވެ. ތަހުގީގުގައި ބޮޑަށް އަމާޒުކޮށްފައި ވަނީ ބޭރުން ބިން ގަތުމާއި މުދާ ގަތުމުގައި ހަސީނާގެ އާއިލާގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައަކަށެވެ. ހަސީނާގެ ކޮއްކޮގެ ދަރިފުޅު އަދި ދާދި ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ ސަރުކާރުގެ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ މެމްބަރު ޓޫލިޕް ސިއްދީގުގެ މައްޗަށް ވަނީ އަގުބޮޑު ގެތަކާއި ބިންތައް މިލްކުކޮށްފައިވާ ކަމުގެ ދައުވާކޮށްފައެވެ. ނަމަވެސް އެއީ ސިޔާސީ ގޮތުން ކުރާ ތުހުމަތެއް ކަމަށްބުނެ، ޓޫލިޕް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޑޮކިއުމެންޓްރީގައި ބުނާ ގޮތުން މަނީ ލޯންޑަރިން ހިންގާފައިވަނީ ހޫދީ (ހަވާލާ) އާއި އަންޑާ އެންޑް އޯވާ އިންވޮއިސިން ފަދަ ނުރަސްމީ ނެޓްވޯކުތައް މެދުވެރިކޮށެވެ. ސްކޫލް އޮފް އޯރިއަންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (އެސްއޯއޭއެސް) ގެ ޕްރޮފެސަރު މުޝްތާގް ޚާނާއި ކުރީގެ ފަނޑިޔާރުން ހިމެނޭ ގޮތަށް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި އެސެޓްތައް އަނބުރާ ހޯދުމަކީ އުނދަގޫ ކަމެކެވެ. ގާނޫނީ، ޑިޕްލޮމެޓިކް އަދި ފޮރެންސިކް މަސައްކަތްތަކެއް އަހަރުތަކެއް ވަންދެން ކުރަން ޖެހޭނެތީ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. https://www.sun.mv/195145 އެ ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ 2024 ވަނަ އަހަރު ދަރިވަރުން ހަމަނުޖެހުން ހިންގި މުހިއްމު ސަބަބުތަކަކީ ކޮރަޕްޝަނާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނުކުރުމާއި، ކުށެއް ކުރުމުން އަދަބު ނުދިނުން ފަދަ ކަންކަމެވެ. ކޯޓާ ކަނޑައަޅާ ނިޒާމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ބަންގްލަދޭޝްގެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން ކުރި މުޒާހަރާތަކާއި ގުޅިގެން މިދިޔަ އަހަރު އޮގަސްޓް މަހު ހަސީނާ ވަނީ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ. އެ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ