ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް ހިފަހައްޓައި ގަދަކަމުން ސިނގިރޭޓު ދޭން އުޅުނީ 10 އަހަރުގެ ކުއްޖަކަށް ކަމަށާއި އޭރު އެ ކުއްޖާ ދިޔައީ އަސްރު ނަމާދަށް މިސްކިތަށް ކަމަށް އާއިލާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ވަނީ އިއްޔެ ހުށަހެޅި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި:
އެކަން ކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ރަށެއްގައި ތިބޭ ކުދިންތަކެއް
ގަދަކަމުން ސިނގިރޭޓު ދިން މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން
ކުޑަކުއްޖާގެ ބައްޕަ މިއަދު ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އޭނާގެ ދަރިފުޅަށް ހަމަލާ ދިނީ 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެ ކުދިން، ކުޑަކުއްޖާ ހިފަހައްޓައި ގަދަކަމުން ސިނގިރޭޓު ދީ، އަދި އެ ސިނގިރޭޓުން ކުއްޖާގެ ގައިގާ ޖައްސައި ފިއްސާލަން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.
އެ ވާހަކަ މީހެއްގެ ކައިރީ ބުނެފި ނަމަ، "މައިންބަފައިން މަރާލާނެ" ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިފުޅު ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި. ކުއްޖާ މިހާރު ހުރީ ނެގިމަޑުވެފައި،" ކުޑަކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
އޭނާ ބުނީ ދަރިފުޅާ އެކު މިސްކިތަށް ދިޔަ އަނެއް ކުއްޖާ މިއަދު ސްކޫލަށް ދިޔުމުން، އެ ކުއްޖާއަށް ވެސް ސްކޫލުތެރެއިން ހަމަލާދިން ކަމަށެވެ. އަދި އެ މައްސަލަ ވެސް އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގުން މުހިއްމު - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު 150އަށް ވުރެ މިހާރު ގިނަ އެވެ. މީގެ ކުރިން އެ ހުރިހާ ކުދިން ވެސް ބައިތިއްބަނީ ވިލިމާލެ އާއި ހުޅުމާލޭގައި ހުންނަ މަރުކަޒުތަކުގަ އެވެ.
އެކަމަކު މިހާރު ރާއްޖޭގެ ފަސް ރަށެއްގައި 'އަމާން ހިޔާ'ތަކެއް ގާއިމުކޮށް، އެ ތަންތަނަށް ބައެއް ކުދިން ވަނީ ބަދަލުކޮށްފަ އެވެ.
ހަމަލާ ދޭން އުޅުނީ 10 އަހަރުގެ ކުއްޖަކު މިސްކިތަށް ދަނިކޮށް: އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ