އޯޕަންއޭއައިއިން ޓީޗަރުންނަށް ހިލޭ ޗެޓްޖީޕީޓީއެއް!
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުނި، އޯޕަންއޭއައިއިން، ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށް ޗެޓްޖީޕީޓީގެ ޚާއްސަ ވާޝަނެއް ހިލޭ ތައާރަފްކޮށްފިއެވެ. "ޗެޓްޖީޕީޓީ ފޯ ޓީޗަރސް" ގެ ނަމުގައި ނެރުނު މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ މުދައްރިސުންގެ މަސައްކަތްތަކަށް އެހީތެރިވެ، ދަރިވަރުންނަށް ސަމާލުކަން ދިނުމަށް އިތުރު ވަގުތު ހޯދައިދިނުމުގެ މަގުސަދުގައެވެ. މި ޚާއްސަ ޚިދުމަތް މިވަގުތު ލިބެން ހުރީ އެމެރިކާގެ ކޭ-12 (ޕްރީ-ސްކޫލް އިން 12 ވަނަ ގްރޭޑް) ގެ މުދައްރިސުންނަށެވެ. އޯޕަންއޭއައިއިން ބުނާ ގޮތުގައި، މި ޕްލެޓްފޯމް 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ހިލޭ ބޭނުންކުރެވޭނެއެވެ. https://sun.mv/214271 މި ޕްލެޓްފޯމްގައި ތަޢުލީމީ ދާއިރާއަށް ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޯޕަންއޭއައި އިން ފާހަގަކުރެއެވެ. އެގޮތުން، މުދައްރިސުން ހިއްސާކުރާ އެއްވެސް މައުލޫމާތެއް އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންނުކުރާނެ ކަމަށާއި، ދަރިވަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމަށް އިސްކަންދީފައިވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. މުދައްރިސުންގެ މަސައްކަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ކޮންމެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ސްޓައިލަށް މި ވާޝަން ހޭނޭނެއެވެ. ޗެޓްޖީޕީޓީއަށް ގްރޭޑް ލެވެލް، ކަރިކިއުލަމް، އަދި ބޭނުންވާ ފޯމެޓް ފަދަ މައުލޫމާތު ހަނދާންކޮށްދިނުމުން، އެއާ އެއްގޮތަށް ޖަވާބުތައް ތައްޔާރުކޮށްދެއެވެ. މީގެ އިތުރުން، ގޫގުލް ޑްރައިވް ނުވަތަ މައިކްރޯސޮފްޓް 365 ފަދަ ޕްލެޓްފޯމްތަކުން ލެސަން ޕްލޭންތައް ގެނެސް، ކެންވާ ފަދަ ވަސީލަތްތަކާ ގުޅުވައިގެން ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމުގެ ފަސޭހަވެސް ލިބިގެންދާނެއެވެ. މި ވޯކްސްޕޭސް މެދުވެރިކޮށް މުދައްރިސުންނަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ ފުރުސަތުވެސް ފަހިކޮށްދެއެވެ. މިހާރުވެސް ޗެޓްޖީޕީޓީ ބޭނުންކުރާ އެހެން މުދައްރިސުންގެ އައިޑިއާތަކާއި ޕްރޮމްޕްޓްތައް މި ޕްލެޓްފޯމުން ފެންނަން ހުންނާނެއެވެ. އަދި ސްކޫލް ނުވަތަ ޑިސްޓްރިކްޓްގެ އެހެން މުދައްރިސުންނާ ގުޅިގެން ކަސްޓަމް ޖީޕީޓީސް ބޭނުންކޮށްގެން އެކުގައި ލެސަން ޕްލޭންތައް ތައްޔާރުކުރުން ފަދަ ކަންކަންވެސް ކުރެވޭނެއެވެ. އޯޕަންއޭއައިއިން ބުނާ ގޮތުގައި، މިއަދުގެ ދަރިވަރުން އޭއައި އާ އެކު ބޮޑުވަމުން އަންނައިރު، މި ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގައި މުދައްރިސުންގެ ދައުރު ވަރަށް މުހިންމެވެ. އެހެންކަމުން، "ޗެޓްޖީޕީޓީ ފޯ ޓީޗާސް" އަކީ މުދައްރިސުންނަށް އަމިއްލައަށް އޭއައި އާ ބެހޭގޮތުން ދަސްކޮށް، އެމީހުންގެ ކްލާސްރޫމްތަކަށް މި ފަންނު ގެނައުމަށް ފަސޭހަކޮށްދޭނެ ވަސީލަތެއް ކަމަށް އެ ކުންފުނިން ދެކެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ހިއުސްޓަން އައިއެސްޑީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ކެރީ ހޯލްޓް ވިދާޅުވީ، މިއީ ޗެޓްޖީޕީޓީ ބޭނުންކުރާ އަދި އަލަށް ފަށާ މުދައްރިސުންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްލެޓްފޯމްގެ ސަބަބުން މުދައްރިސުންނަށް ވަގުތު ސަލާމަތްކޮށް، ބޮޑެތި ކަންކަމަށް ވިސްނައި، ދަރިވަރުންނަށް އެހީތެރިވުމަށް ސަމާލުކަން ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ