ކާބޯތަކެތީގެ ކުނި މެނޭޖުކުރުމަށް ތިން ރަށަކާއެކު ސޮނޭވާ ނަމޫނާއިން ސޮއިކޮށްފި ކާބޯތަކެތީގެ ކުނި މެނޭޖުކުރުމަށް ތިން ރަށަކާއެކު ސޮނޭވާ ނަމޫނާއިން ސޮއިކޮށްފި

ރަށު ފެންވަރުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖުކޮށް، "ޓާކަކޫރާ" ކޮމްޕޯސްޓް ނިޒާމެއް ގާއިމުކޮށް ހިންގުމަށް ތިން ރަށެއްގެ ކައުންސިލާއެކު ސޮނޭވާ ނަމޫނާއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކާބޯތަކެތީގެ ކުނި ދެމެހެއްޓިނިވި ގޮތެއްގައި މެނޭޖްކުރުމަށް ދިވެހި މާހައުލަށް އެކަށޭނެ އަދި ހެޔޮ ބަދަލެއް ގެނެވޭނެ ހައްލެއް ފުޅާކުރުމުގެ މަގުސަދުގައި ސޮނޭވާ ނަމޫނާއިން އެއްބަސްވުން ހެދީ ބ. މާޅޮސް، ބ. ދޮންފަނު އަދި ބ. ކިހާދޫއާ އެކުގަ އެވެ.
ސޮނޭވާ ނަމޫނާއިން ބުނީ މި އެއްބަސްވުމުގެ ދަށުން ފަންނީ އެހީތެރިކަމާއި، ތަމްރީނާއި، އަދި ޑިޒައިން ކުރުމާ ބެހޭ އިރުޝާދު ފޯރުކޮށްދޭނެ ކަމަށެވެ.
"މި މަސައްކަތްތައް ރަށު ފެންވަރުގައި ހިންގާނީ އެ ރަށެއްގެ ކައުންސިލުން. މީގެއިތުރުން، މި ނިޒާމުގެ ހިންގުން ހަރުދަނާކޮށް ހަލުވިކުރުމުގެ ގޮތުން، ކޮންމެ ރަށަކުން ވެސް ހޮވާލެވޭ ކަމެއް އީޖާދުކުރުމަށްޓަކައި ޓްރަޔަލް ކުރާނެ،" ސޮނޭވާ ނަމޫނާއިން ބުންޏެވެ.
ޓާކަކޫރާ ކޮމްޕޯސްޓިންއަކީ ކާބޯތަކެތިން އުފެދޭ ކުނިން، އެއްވެސް ނުބައި ވަހެއް އުފެދުމަކާ ނުލައި، ކާދު އުފެއްދުމަށް ބޭނުންކުރެވޭ ނިޒާމެކެވެ.
ސޮނޭވާ ނަމޫނާއިން ވަނީ މި އަހަރުގެ ކުރީކޮޅު ނ. ކުޑަފަރީ ކައުންސިލާ ގުޅިގެން ހަތަރު މަސް ދުވަހުގެ ޓާކަކޫރާ ކޮމްޕޯސްޓިން ޓްރަޔަލްއެއް ކާމިޔާބުކަމާއެކު ހިންގާފަ އެވެ.
އޯގަނިކް ކުނި މެނޭޖްކުރުމަށް ދެމެހެއްޓިނިވި ހައްލުތައް ދެނެގަތުމަށް ސޮނޭވާ ނަމޫނާއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ލަކުޑި ޗިޕްސް އާއި ފަތް ކުނި ބޭނުންކޮށްގެން ޖަންގަލް ކޮމްޕޯސްޓް ކުރުމުގެ ނިޒާމު ތަރައްގީ ކުރުމުގެ އިތުރުން ސޮނޭވާ ނަމޫނާއިން ވަނީ ގެސްޓްހައުސްތަކަށާއި ގޭބީސީތަކަށް ޓާކަކޫރާ ކޮމްޕޯސްޓިން ތައާރަފްކޮށްފަ އެވެ.
ބ. އަތޮޅު ކިހާދޫ، ކެންދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ގޭބިސީ ފެންވަރުގައި ކޮމްޕޯސްޓް ކުރުމުގެ މަސައްކަތް ސޮނޭވާ ނަމޫނާއިން ކުރިއަށް ގެންގޮސްފައިވާއިރު، މި މަހުގެ ތެރޭގައި ބ. ކަމަދޫގައި ކުރިއަށް ގެންދަން ފަށާފައިވާ "ކާދު ސަތޭކަ ގެސްޓްހައުސް ކޮމްޕޯސްޓިން ޓްރަޔަލް" އިން ކާބޯތަކެތީގެ ކުނި އަމިއްލައަށް މެނޭޖްކޮށް ރަށުގެ ކުނި މެނޭޖްކުރާ ނިޒާމަށް ލުއިކޮށްދެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސޮނޭވާ ނަމޫނާއަކީ ދެމެހެއްޓިނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ބާރުވެރި މުޖުތަމައުތަކެއް ރާއްޖޭގައި އުފެއްދުމަށް ރަށުފެންވަރުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ