ހަމަހަމަ ފުރުސަތަށް ޖާގަ ދިނުމަށް ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެޑްވައިޒަރާއި އެ ޕާޓީގެ ރައީސަށް ފުރިހަމަ އިހުތިރާމާއި ބާރާ އެކު ކަންކަމް ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަން އަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ނިންމަވައި، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް މިރޭ އިސްތިއުފާ ދެއްވައިފި އެވެ. 
ވީކިހިނެއް؟- އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.
ތަފުސީލް- ފައްޔާޒު ފޮނުއްވި ސިޓީގައި އެ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށާއި އަސާސީ ގަވާއިދަށް ގެންނައުމަށް 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ކޮންގްރެސް އެއް ބޭއްވި ކަން ފާހަގަ ކުރެއްވި އެވެ.
އަދި އެ ކޮންގްރެސްގައި "ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހުރި ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ"ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މާތް ﷲގެ އިރާދަފުޅާ އެކު އެ ކޮންގްރެސް ނިންމާލެވުނީ ވަރަށް ކާމިޔާބު ކަމާ އެކު ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމުގެ ނިޔަތާއި އެެއްބަސްވުމާ އެކު އެވެ،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ކަމަށެވެ.
"އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަ ކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. މިއީ ކޮންމެހެނެއް ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި އެވެ،" އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީއެއްގައި ދުވަހަކު ވެސް ނޫޅުއްވާ ފައްޔާޒު ލިއުއްވާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ އެ އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ފަސް ފަހަރެއްގެ މަތީން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ނަޝީދު ވާދަ ނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ފައްޔާޒު ވިދާޅުވި އެވެ.
"ނަމަވެސް ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި، އެ ބައްދަލުވުންތައް އެ ވަގުތު ހުއްޓާލެވުނެވެ،" ފައްޔާޒު ވިދާޅުވި އެވެ. 
އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން އަނެއްކާ ވެސް ނަޝީދާ އެކު މަޝްވަރާތައް ފެއްޓެވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވުމަކަށް އާދެވުނުކަން ވެސް އޭނާ އުފަލާ އެކު ފާހަގަ ކުރެއްވި އެވެ. އެ އެއްބަސްވުމުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަ ކުރެއްވުމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމެވެ. އަދި އެއްބަސްވީ އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދު އާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ފާހަގަ ކުރެއްވި ގޮތުގައި އެ ޕްރައިމަރީ ނިމުނު އިރު އޮތީ އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހަށް ކުރި މަސައްކަތް އެކޮޅުކޮޅުން ޖެހިފަ އެވެ. އެކުވެރި ރަހުމަތްތެރިން މޫނު ކެެނޑިފަ އެވެ.
"އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔައީ އެވެ،"
ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އޭނާ މަސައްކަތް ކުރެއްވީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިދިކޮޅު އެހެން ޕާޓީތަކާ އަދި ހާއްސަކޮށް އެމްޑީޕީން ވަކިވެ، ވަކި ޕާޓީއެއް ހެދި ފަރާތްތަކާ އެކު ކޯލިޝަނެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް މަަސަކަތް ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެކަން ވެސް ނިމުނީ ކޯލިޝަނަކަށް އެއްބަސް ނުވެވި، ވަކިން ވާދަ ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ތަފުސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ