ވިލިމާލެއަށް އިހުމާލުވެފައި އޮންނާކަށް ނުޖެހޭނެ، ތަފާތުކުރުމެއްނެތި ކަންކަން ފުރިހަމަކޮށްދޭނަން: ރައީސް
މި ސަރުކާރުން ބޭނުންވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ވިލިމާލެއަށް ކޮށްނުދެވި ހުރި ކަންކަން ފުރިހަމަކުރުމަށް ކަމަށާއި، ވިލިމާލެއަށް ވުމުން ތަފާތުކުރެވެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ އަވަށްތަކުގެ ތެރެއިން ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ އިތުރުން، އެހެނިހެން މަޝްރޫއުތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ވިލިމާލެ ރައްޔިތުންނަށް އޭރުގެ ސަރުކާރުތަކުން ކޮށްނުދެވި ހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވުމަށެވެ. "މާލޭގެ ސިޓީގެ އެއްބައި، މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ތަރައްގީ އަންނަން ޖެހޭނެ، ވިލިމާލެ ވީމަ އިހުމާލުކޮށްލެވިފަ ނޫނިއްޔާ ތަފާތުކުރެވިފަ އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ. ވިލިމާލެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: މިއީ ވެރިކަމަށް ވަޑައިގަތުމަށްފަހު މާލޭގެ އަވަށަކާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން --- ފޮޓޯ: ރައީސް އޮފީސް ނޮވެމްބަރު 17، 2023ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މާލޭގެ މޭޔަރުކަން ކުރެއްވިއިރު ވިލިމާލެ ތަރައްގީކުރުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ، މިހާރު އެ މަސައްކަތް މާ ފުރިހަމައަށް ކުރެއްވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ވިލިމާލޭގައި 1،200 ސީޓުގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށާއި، އެ އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފެންވަރު ދުނިޔޭގެ މައި ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ގަބޫލުކުރާ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އޭގެ އިތުރުން އަންނަ މާޗް މަހުގެ ކުރިން ވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ވިލިމާލޭގެ މަގުތައް މަރާމާތުކޮށް ނިމުމުން އެ އަވަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަތައް ހައްލުވާނެ ކަމަށާއި، އެ އަވަށުގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ވިލިމާލޭގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ އަވަށެއްގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ