ލަންޑަން (ނޮވެމްބަރު 23) - އެބެރެޗީ އެޒޭގެ ހެޓްރިކާ އެކު 4-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
މިއީ، މިދިޔަ 13 އަހަރު ތެރޭ އާސެނަލަށް ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ނޯތު ލަންޑަން ޑާބީއެއްގައި، އެންމެ ތަފާތު ބޮޑު މޮޅު ލިބުނު މެޗެވެ. އަނެއްކޮޅުން، މި މެޗުގައި ހެޓްރިކެއް ހެދި އެޒޭ މި ވަނީ ސީނިއާ ފުޓްބޯޅަ ކެރިއަރުގައި ފުރަތަމަ ފަހަރަށް އެއް މެޗެއްގައި ތިން ގޯލު ޖަހައިފަ އެވެ.
ކްރިސްޓަލް ޕެލަސް ދޫކޮށް މި ފަހަރުގެ ޓްރާންސްފާގެ ފަހު ދުވަހު، ޓޮޓެންހަމްގެ އޮފާއެއް ދޫކޮށް އާސެނަލާ ގުޅުނު އެޒޭ އަކީ، މި މެޗުގެ ތާރީހުގައި ހެޓްރިކެއް ހެދި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އަދި، 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން، އަދި، މިދިޔަ 50 ވަރަކަށް އަހަރު ތެރޭ ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހެދި އާސެނަލްގެ ފުރަތަަމަ ކުޅުންތެރިޔާ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އާސެނަލުން ލީޑުނެގީ، 36 ވަނަ މިނިޓްގައި މިކޭލް މެރީނޯ ދިން ބޯޅައަކުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. އެޒޭ، ފުރަތަމަ ގޯލު ޖަހައި، އާސެނަލްގެ ލީޑުފުޅާކޮށްދިނީ، 41 ވަނަ މިނިޓްގައި ޑެކްލަން ރައިސް ދިން ބޯޅައަކުންނެވެ. ދެ ވަނަ ހާފު ކުޅުން ފެށިގެން، މިނިޓެއް ވެސް ނުވަނިސް ޖޫރިއަން ޓިމްބާ ދިން ބޯޅައަކުން އެޒޭ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
މެޗުގެ 55 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން ރިޗާލިސަން ޖެހި ގޯލުން ޓޮޓެންހަމަށް އުންމީދެއް ލިބުނު ނަމަވެސް، 76 ވަނަ މިނިޓްގައި ޓްރޮސާޑް ދިން ބޯޅައަކުން އެޒޭ ވަނީ ހެޓްރިކް ފުރިހަަމަކޮށް، އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން، އެޒޭ، އޭނާގެ ހަތަރު ވަނަ ލަނޑު ޖަހަން ފޮނުވާލި ޝޮޓް، ޓޮޓެންހަމްގެ ކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.
އެޒޭގެ ޖާދުލާ އެކު އާސެނަލުން ލީގު އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެޒޭގެ ޖާދުލާ އެކު އާސެނަލުން ލީގު އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ