ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް އާއި ޓީސީން ޕޮއިންޓަކުން ފުއްދާލައިފި ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް އާއި ޓީސީން ޕޮއިންޓަކުން ފުއްދާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް 2-2 އިން އެއްވަރުވެ، ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު، 10 ޓީމު ވާދަކުރާ ޕްރިމިއާ ލީގުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އާއި ނުވަ ވަނައިގައި އޮތް ޓީސީ އަށް ވެސް ވަނީ އަށް މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ގްރީން ސްޓްރީޓްސް އިން ވަނީ، ނުވަ ވަނަ މިނިޓްގައި މުހައްމަދު ސާބިގު ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭގެ ފަހުން، ދެ ވަނަ ގޯލެއް ޖަހަން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުނުއިރު، ޓީސީން ވަނީ ލިބުނު ފުރުސަތެއްގައި ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ، މެޗުގެ 17 ވަނަ މިނިޓްގައި، ޓީސީގެ ގާނާގެ ފޯވާޑް، ޕްރިންސް ބޯޑު އެވެ. އޭރިއާތެރެއަށް ވަދެ ޕްރިންސް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު ނައިޖީރިއާގެ އޯޖޯ ފައިގައި ޖެހިފަ އެެވެ.
ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ގްރީން ސްޓްރީޓްސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ، 45 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ޖެހި ގޯލުންނެވެ. މިއީ، ގްރީން ސްޓްރީޓްސްގެ އިބްރާހިމް ހަސީބު އަމިއްލަ ހާުފުގެ ތެރެއިން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު މިސްރުގެ ހަސަން އަބްދުލްހަމީދު އަތްމަތިން ދިޔަ ވަގުތު ރިލޭ އަށް ލިބުމުން ޖެހި ގޯލެކެވެ.
ގްރީން ސްޓްރީޓްސް އިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް މި ހާފުގައި ޓީސީން ވެސް ފުރުސަތުތަކެއް ހޯދި އެެވެ.
ޓީސީން ދެ ވަަނަ ހާފުގައި ނަތީޖާ ހަމަހަމަކުރީ، 51 ވަނަ މިނިޓްގައި ޓީސީގެ އަހްނަފް މުހައްމަދު ތަސްނީމު (ނަފްކޮ) ނެގި ކޯނަރަކުން ޖެހި ގޯލަކުންނެވެ. އެ ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ މިސްރު ޑިފެންޑަރު، އެލްސައީދު ބޯމަތިން އައި ވަގުތު ޓީސީގެ މުހައްމަދު ދާނިޝް އިބްރާހިމް ބޮލުންނެވެ.
ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ޓީސީ މޮޅުކޮށްދޭން އެ ޓީމުގެ މުހައްމަދު އިޒާން އޭރިއާތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ. އަދި، ގްރީން ސްޓްރީޓްސްގެ މުހައްމަދު ޖައިލަމް (އޮގީ) އަށް އެ ޓީމު މޮޅުކޮށްދޭން ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވައިނުލެވުނެވެ.
ގްރީން ސްޓްރީޓްސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި، އެ ޓީމުގެ މިސްރުގެ ޑިފެންޑަރު، އެލް ސައީދު، އަރިމަތިން ބޯޅަ ބޭރުވެފައި އޮތް ވަގުތެއްގައި ހިތްހަމަނުޖެހިގެން، ޓީސީ ބެންޗު ކުރިމަތީގައި އޮތް ފެންފުޅިއެއްގައި ފައިން ޖެހުމުން، ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ބުރު ސްޕޯޓްސް ކްލަބުން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ