ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. ސައުދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ވާލިދް އަލް ސަމާނީ އެވެ.
ސައުދީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގައި ސޮއިކުރި މި އެއްބަސްވުމަކީ ރާއްޖޭގެ ޖުޑީޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑީޝަރީއާ ދެމެދު ހެދި ފުރަތަމަ އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން ޝަރުއީ ނިޒާމުތަކާއި ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކޮށް، ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާ ކުރުމަށް އެއްބާރުލުން ދޭނެ އެވެ.
ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމުގެ އިތުރުން އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނާތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމަށް ވެސް އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ދާއިރާއާ ގުޅޭ މައުލޫމާތާއި، ތަޖުރިބާ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މައުލޫމާތު ބަދަލުކޮށް، ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުމަށް ވެސް އެއްބާރުލުން ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ