'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނުކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ބުނީ، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.
އެނގުން މުހިއްމު - ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ސޮއިކުރަން ދިގު މުއްދަތެެއް މީގެ ކުރިން ވެސް ދިނެވެ.
މިދިޔަ އޮކްޓޯބަރު މަހު ވެސް ހައުސިން މިނިސްޓްރީން ވަނީ ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ބިމުގެ އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނަށް އެ ކަމަށް ފަހު ފުރުސަތެއް ދީފަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ބުނީ މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރީ ގުޅިފަޅަށް ގޮސްގެން ކަމަށް ވިޔަސް، މިހާރު އެ ސަރަހައްދަށް ނުގޮސް، ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދޭނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި ގޯތީގެ މިހާރުގެ ހާލަތު ނުވަތަ ސްޓޭޓަސް ވެސް ބަލައިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހިޔާވެހި ޕޯޓަލުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް:
އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގްއިންވެ، ގޯތި ހަވާލުކުރުމުގެ ބަޔަށް ދިޔުމުން މަތީގައިވާ މެނޫން 'ގޯތި ހަވާލުކުރުން' ފެންނާނެ
ލިޔުން ޑައުންލޯޑް ކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއް ނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެ
'ގޯތި ހަވާލުކުރިކަމުގެ ލިޔުން' މި ބައިން ޑައުންލޯޑް ކުރެވޭނެ
ލޮކޭޝަން ބެލުން: ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރު ކޯޑަކާއި ލިންކެއް ހިމެނިފައިވާނެ މި ކޯޑު ސްކޭން ކުރުމުން ނުވަތަ ލިންކަށް ފިތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ
މި ލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ގުޅިފަޅުން ގޯތި ލިބުނުކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ