ޖެނިފާގެ ވަޒީފާގެ މައްސަަލަ ހައިކޯޓުގައި ފަށައިފި
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން, މި ސަރުކާރުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން ވަޒީފާ ދިނުމާއި ބަދަލު ދިނުމަށް ދެކޮޅު ހަދައި އައިލެންޑް އޭވިއޭޝަނުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑު އެހުން، ދެ އަހަރު ފަހުން ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭނާއަށް ވަޒީފާ އަލުން ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ އެ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ނިންމުން ހައިކޯޓަށް ހުށަހެޅީ އައިލެންޑް އޭވިއޭޝަނުންނެވެ. ހައިކޯޓުގައި މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަޑު އެހުން ފެށީ މިއަދުއެވެ. ހައިކޯޓުގެ އަޑު އެހުން މިއަދު ފެށިއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ހައިކޯޓުން އޮތީ ކުރިން ހުއްޓުވައިފައެވެ. މި މައްސަލައިގައި ޓްރެބިއުނަލުން ނިންމާފައިވަނީ ޖެނިފާ އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރާ ރުޖޫއަ ކުރުމާއި ޖެނިފާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާގައި ހުރި ނަމަ ލިބޭނެ އެންމެހާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ބުރަވެވޭތީ ބަދަލުގެ ގޮތުގައި އެއް މަހަށްވާ މުސާރަ، 56،171 ރުފިޔާ ނަގައިދިނުމަށް ނިންމާފައިވެއެވެ. ދެހާސް ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ކުންފުނީގެ އެކި އެކި މަގާމުތައް ފުރުއްވި ޖެނިފާ، މިދިޔަ ސަރުކާރުގައި އައިއޭއެސްގެ ޑީއެމްޑީއަކަށް ހަމަޖެއްސީ ޑިސެމްބަރު 25، 2018ގައެވެ. އޭނާ 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2016 ވަނަ އަހަރުގެ މާޗު މަހާ ހަމަޔަށް އައިއޭއެސްގެ ޑެޕިއުޓީ ހެޑްގެ މަގާމު ފުރުއްވިއެވެ. ނަމަވެސް 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެނިފާ އެ މަގާމުން ވަކިކުރިއެވެ. އެ މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ވަޒީފާ ދިނުމަށް 2017 ވަނަ އަހަރުގެ އެޕްރީލް މަހު ޓްރައިބިއުނަލުން އަމުރުކުރިއެވެ. އޭގެ ފަހުން އޭނާއަށް ވަޒީފާ ދިނީ 2018އިގެ ޑިސެމްބަރުގައެވެ. އަނެއްކާ ވެސް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ މި ސަރުކާރު އައި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ