ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރަން: ސީއީއޯ ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ބުނެ ދޮގު ވާހަކަ ފަތުރަމުންދަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ބޭނުމުގައި ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ބޭންކުގެ ޑޮލަރުގެ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް މިއަދު ފެށި "ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ" ގައި ރައްދު ދެއްވަމުންނެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރުން ފެށިގެން ޑެބިޓް ކާޑުގެ މުޢާމަލާތްތަކަށް ކަނޑައެޅިފައިވާ 250 ޑޮލަރުގެ ލިމިޓް، 2025 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ބޭރުގެ ޚިދުމަތްތަކާއި ތަކެއްޗަށް އަގު ދެއްކުމަށް 1,000 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ދަތުރު ޓިކެޓާއި، ހޮޓަލަށް ފައިސާ ދެއްކުމާއި ބޭސްފަރުވާއަށް 3,000 ޑޮލަރާ ހަމައަށް ލިމިޓް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވައި، ޝަރީފް ވަނީ "މި ޚިދުމަތް މިއަދާ ހަމައަށް ދެމުން މި އަންނަނީ ހަމަ ޑޮލަރު ނެތީމަތޯ؟" ސުވާލު ކުރައްވާފައެވެ.
ބޭންކުން ދޫކުރާ ޑޮލަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021 އިން 2023 ގެ ނިޔަލަށް ޖުމުލަ 249 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2024 ވަނަ އަހަރު އިތުރަށް 142 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އިތުރަށް 284 މިލިއަން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް އިތުރަށް 226 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރާ ލޯނުތަކުގެ ޢަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. 2023 ގެ ނިޔަލަށް ދޫކޮށްފައިވާ ލޯނަށްވުރެ ދެގުނަ އިތުރަށް، މިދިޔަ މަހުގެ ނިޔަލަށް ވިޔަފާރިތަކަށް 860 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކުން ހާމަކުރެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ވިއްކަންޖެހޭ ޢަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް، ބޭންކުގައި ޑޮލަރު ނެތް ކަމަށް ދެއްކުމަކީ ހަގީގަތާ ޚިލާފު ކަމެއް ކަމަށެވެ. "މިފަދަ ގޮތަށް ވާހަކަދައްކައިގެން ބޭންކުގައި ޑޮލަރު ނެތްކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުން،" ޝަރީފް ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ، ބޭންކުން ގަންނަ ޑޮލަރާއި ވިއްކާ ޑޮލަރު ބެލެންސްކުރުމާއެކު، ޒަރޫރީ ކަންކަމަށް އިސްކަންދީގެން ޒިންމާދާރުކަމާއެކު ޑޮލަރުގެ މުޢާމަލާތްތައް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ