ސްވައިޕް ވޮލެޓަށް އިންޓަނޭޝަނަލް އެކައުންޓް ތައާރަފްކޮށްފި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ގައި ބައިނަލްއަގުވާމީ އެކައުންޓް ހުޅުވޭ ގޮތާއި ފަސޭހައިން
ރާއްޖެއިން ބޭރުން ފައިސާ ގެނެވޭ ގޮތް ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ތައާރަފް ކުރީ މިއަދު ބާސެލޯ ނަސަންދުރާގައި ޔޫތު އޮންޓްރަޕްރަނާސް
އެކްސްޕޯ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި މި 'ސްވައިޕް'ގެ އާ ފީޗާތައް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ. 
'ސުވައިޕް'އަށް އަލަށް ތައާރަފްކުރި ހިދުމަތާއި އެކު ޑޮލަރު, ޕައުންޑު އަދި ޔޫރޯ އިން ވެސް
ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ. މިއީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެ އެވެ. 
މިއަދު އޮތް ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ފިޒިކަލް ކާޑެއް ބޭނުން ކުރުމަކާއި ނުލައި، ބައިނަލްއަގުވާމީ
ފެންވަރުގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އަލީ ޕޭ، ވީޗެޓް ޕޭ އަދި މާސްޓަ ކާޑް، ވީސާ ފަދަ ޕޭމަންޓު ނެޓްވޯކުތަކާ އެކު މަޝްވަރާތައް
ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް
ވިދާޅުވި އެވެ. 
އޭގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ 2030 ވަނަ އަހަރު އަންނަ އިރު ޖީޑީޕީއަށް
15 ޕަސެންޓް ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުން ކަމަށް ވާއިރު އެ އަމާޒަށް ވާސިލްވުމަށް ސްވައިޕް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށެވެ.
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް، 20,000 އަށް ވުރެ
ގިނަ މީހުން އަންނަނީ ބޭނުން ކުރަމުންނެވެ. އަދި މިހާރު 3،000 އަށް ވުރެ ގިނަ ވިޔަފަރިތަކަށް ސުވައިޕް އިން ފައިސާ ދެއްކޭނެ އެވެ.
ސުވައިޕުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި
ބަލައިގަތުމުގެ ހިދުމަތުގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ
މެދުގައި ޕީޓޫޕީ މުއާމަލަތްތައް ވެސް ހިންގޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ