އީރާނުން އަލުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އަންނަ ހަފުތާގައި އެ ގައުމުގެ ބްރިޖުތަކާއި މުހިއްމު އެހެން ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް މިހެން ވިދާޅުވީ، ދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރަމުންދާތާ ވިދިވިދިގެން ހަތަރުވަނަ ދުވަހު އެވެ.
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދާ އުފުލާ ބޯޓުތަކުން 20 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް ވިދާޅުވެ ކުރިން ދެއްވި އިންޒާރު ޓްރަމްޕް ވަނީ އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ މަސައްކަތް އޭނާ ވަނީ އަލުން ފައްޓަވާފަ އެވެ.
"އަންނަ ހަފުތާ ވެގެންދާނީ އެމީހުންނަށް ވަރަށް ނުރައްކާތެރި ހަފުތާއަކަށް،" ޓްރަމްޕް ވިދާޅުވި އެވެ. "އެމީހުން މަޝްވަރާގެ މޭޒަށް އައިސް އެއްބަސްވުމަކަށް ނައިސްފިނަމަ، އެ ގައުމުގެ ހުރިހާ އިންޖީނުގެތަކަކާއި ބްރިޖުތަކެއް އަހަރެމެން ސުންނާފަތިކޮށްލާނަން."
މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި ވެސް، އީރާނުގެ އާންމު ރައްޔިތުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކާއި، ބްރިޖުތަކާއި އިންޖީނުގެތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ.
ޓްރަމްޕްގެ އެ އިންޒާރުތަކާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އާންމު ރައްޔިތުންނަށާއި އާންމުން ބޭނުންކުރާ ވަސީލަތްތަކަށް ގަސްދުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށެވެ.
ހަނގުރާމައިގެ ވަގުތުތަކުގައި އަމަލުކުރަންޖެހޭ އިންސާނީ އުސޫލުތައް ބަޔާންކުރާ 1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަން ބުނާ ގޮތުން، އާންމު ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ތަންތަނަށް ހަމަލާދިނުމަކީ މަނާ ކަމެކެވެ.
މަޝްވަރާއަށް ނައިސްފިނަމަ އީރާނުގެ ބްރިޖުތައް ސުންނާފަތިކޮށްލާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ