ވޯލްޑްކަޕް ވޯލްޑްކަޕް އިންގްލެންޑާއި އާޖެންޓީނާ: މަރަޑޯނާގެ މަކަރުން އުފެދުނު ވާދަވެރިކަން އަދިވެސް ހޫނު

ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު، އިންގްލެންޑާއި އާޖެންޓީނާގެ ކުރިމަތިލުންތަކަކީ އެހެން މެޗުތަކާ ތަފާތު، ޖަޒުބާތާއި ތާރީހީ ހަނދާންތަކުން ފުރިފައިވާ މެޗުތަކެކެވެ. ވޯލްޑް ކަޕެއްގައި މި ދެ ގައުމު ބައްދަލުކުރާ ކޮންމެ ފަހަރަކީ އާދައިގެ ފުޓްބޯޅަ މެޗަކަށް ވުރެ ބޮޑު ކަމެކެވެ. އިނގިރޭސި ސަޕޯޓަރުންނަށް އާޖެންޓީނާއަކީ ހިތްދަތި ހަނދާންތަކާއި، މައްސަލަ ބޮޑު ނިންމުންތަކުގެ ރަމްޒެކެވެ.
މި ހުރިހާ ކަމެއްގެ މަރުކަޒުގައި ހުރީ އެންމެ މީހެކެވެ. އެއީ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ އާމަންޑޯ މަރަޑޯނާއެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި މަޝްހޫރު ”ހޭންޑް އޮފް ގޯޑް“ ގޯލަަކީ މިއަދާ ހަމައަށް ވެސް ފުޓްބޯޅައިގައި އެންމެ ބޮޑު ބަހުސެއް އުފެދިފައިވާ އެއް ވަގުތެވެ. އޭގެ ގާތްގަނޑަކަށް 40 އަހަރު ފަހުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މި ދެ ގައުމު އަނެއްކާވެސް ބައްދަލުކުރާއިރު، އެ ތާރީހީ ވާދަވެރިކަން އަނެއްކާވެސް ވަނީ އާވެފައެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފެށުނީ 1986 ގައެއް ނޫނެވެ. އެކަން ފެށުނީ 1966 ވަނަ އަހަރު ވެމްބްލީގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުންނެވެ. އެ މެޗު އިންގްލެންޑުން 1-0 އިން ކާމިޔާބުކުރި ނަމަވެސް، އާޖެންޓީނާގެ ކެޕްޓަން އެންޓޯނިއޯ ރެޓިން ދަނޑުން ފޮނުވާލުމާ ގުޅިގެން ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އިނގިރޭސި ކޯޗު އަލްފް ރަމްސީ އާޖެންޓީނާ ކުޅުންތެރިންނަށް ނިސްބަތްކޮށް ބޭނުންކުރި ބަސްމަގުގެ ސަބަބުން އާޖެންޓީނާ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ވޯލްޑް ކަޕް 1986 ގައި މި ދެ ޓީމު ބައްދަލުކުރި އިރު، އެއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫނެވެ. އޭގެ ހަތަރު އަހަރު ކުރިން ފޯލްކްލޭންޑް ހަނގުރާމައިގައި ދެ ގައުމުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގެ ހަނދާންތައް އޭރު އޮތީ ވަރަށް ތާޒާކޮށެވެ. މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި އެއް ލައްކައަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު އެ މެޗަކީ ގައުމީ ފަހުރާ ގުޅިފައިވާ ކަމަކަށް ވެގެންދިޔައެވެ.
މެޗުގެ 51 ވަނަ މިނެޓުގައި މަރަޑޯނާ ފުންމައިގެން އަރައި އިނގިރޭސި ކީޕަރު ޕީޓާ ޝިލްޓަންގެ ބޯމަތިން ބޯޅަ ގޯލަށް ވައްދާލީ އޭނާގެ ވާތުންނެވެ. ރެފްރީއަށް އެކަން ނުފެނުމުން ގޯލު ބަލައިގަތެވެ. މެޗަށް ފަހު މަރަޑޯނާ ވަނީ އެއީ ބޮލާއި އަތް ބޭނުންކޮށްގެން ޖެހި ގޯލެއް ކަމަށް ވެސް އެއްބަސްވެފައެވެ.
ނަމަވެސް، އޭގެ ހަތަރު މިނެޓް ފަހުން މަރަޑޯނާ ވަނީ އިނގިރޭސި ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު ގޯލު ޖަހައިފައެވެ. މިއީ ”ގޯލް އޮފް ދަ ސެންޗަރީ“ ގެ ގޮތުގައި މަޝްހޫރުވި ގޯލެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޑޭވިޑް ބެކަމްއަށް ދެއްކި ރަތް ކާޑާއެކު އިންގްލެންޑް ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި އޭގެ ފަހުން 2002 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕްގައި ބެކަމް ޖެހި ޕެނަލްޓީން އިންގްލެންޑް މޮޅުވެ، ބެކަމް އޭނާގެ ބަދަލުހިފުން ފުރިހަމަކުރިއެވެ.
ވޯލްޑް ކަޕް 2026 ގައި އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ މި ދެ ގައުމު ބައްދަލުކުރާ އިރު، މިއީ 1986 ގެ ފަހުން މި ދެ ގައުމު ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ބައްދަލުކުރާ އެންމެ މުހިންމު މެޗެވެ. މެޗުން މޮޅުވާ ބަޔަކު ފައިނަލުގައި ބައްދަލުކުރާނީ ސްޕޭނާއެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ހެރީ ކޭން އަދި ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިންނާއެކު އިންގްލެންޑުން އަންނަނީ ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނަ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އަދިވެސް ލިއޮނަލް މެސީއެވެ.
މިއަދުގެ ޓެކްނޮލޮޖީއަށް ބަލާއިރު، މަރަޑޯނާގެ ”ހޭންޑް އޮފް ގޯޑް“ ގޯލު ވީއޭއާރް މެދުވެރިކޮށް ކެންސަލް ކުރެވުނީހެވެ. ނަމަވެސް އޭނާ ޖެހި ދެވަނަ ގޯލަކީ އެއްވެސް ޓެކްނޮލޮޖީއަކަށް ހުއްޓުވޭނެ ގޯލެއް ނޫނެވެ.
ރާއްޖޭގަޑިން މިރޭ 12:00 ގައި ކުޅޭ މެޗަކީ ހަމައެކަނި ފައިނަލަށް ދިއުމަށް ކުޅޭ މެޗެއް ނޫނެވެ. މިއީ މަރަޑޯނާ، ބެކަމް، އަދި ސިޔާސީ ހަމަނުޖެހުންތަކުން އުފެދުނު ތާރީހީ ވާދަވެރިކަމުގެ އާ ބާބެކެވެ. އާ ޖީލުގެ ކުޅުންތެރިންނަށް އޮތް ފުރުސަތަކީ، މާޒީގެ ހިތްދަތި ހަނދާންތަކުގެ ބަދަލުގައި އާ އުފާވެރި ހަނދާންތަކެއް ސަޕޯޓަރުންނަށް ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ