ބޮޓްސްވާނާ މުބާރާތުން ރިވައިވަލް އަށް ރިހި މެޑަލަކާއި ލޯ މެޑަލެއް ބޮޓްސްވާނާ މުބާރާތުން ރިވައިވަލް އަށް ރިހި މެޑަލަކާއި ލޯ މެޑަލެއް

ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން، ބޮޓްސްވާނާގައި ކުރިއަށްދިޔަ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރުހުންދީފައިވާ، ބޮޓްސްވާނާ އިންޓަނޭޝަނަލް އިން ރިހި މެޑަލަކާއި ލޯ މެޑަލެއް ހޯދައިފި އެވެ.
ރިވައިވަލް އިން ރިހި މެޑަލް ހޯދީ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވާދަކުރި އަންހެން ޑަބަލްސް އިވެންޓުންނެވެ. އެ އިވެންޓުގެ ފައިނަލުގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހާނިޓާ ޝޯލްޓްޒްއާ ކުޅެގެން ނަބީ އާއި ނަބާ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-19، 13-21 އަދި 15-21 އިންނެވެ.
މިއީ މި ފަހަރުގެ އެފްރިކާ ޓުއާގައި ނަބީ އާއި ނަބާގެ ޕެއާ އަށް ލިބުނު ދެ ވަނަ ރިހި މެޑަލް އެވެ. ޒެމްބިއާގެ މުބާރާތުން މި ޕެއާ އިން ވަނީ ރިހި މެޑަލެއް ހޯދައިފަ އެެވެ. ބޮޓްސްވާނާ މުބާރާތުގައި މި ޕެއާ އިން ހޯދި މެޑަލާ އެކު، ބައިނަލްއަގުވާމީ މުބާރާތްތަކުގައި މި ޕެއާ އިން މި ވަނީ 14 މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ހަތަރު ރަން މެޑަލް، ފަސް ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލްގެ މިކްސް ޑަބަލްސް އިން ލޯ މެޑަލް ލިބުނު، ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި، ދެކުނު އެފްރިކާގެ ރޮބާޓް ސަމާސް އާއި އެމީގެ ޕެއާ އަތުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 21-15، 21-12 އިންނެވެ.
ނަބާ އާއި ޒަޔާންގެ ޕެއާ އިން ވަނީ ޒެމްބިއާ މުބާރާތުގެ މިކްސް ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބީޑަބްލިއުއެފް މުބާރާތްތަކުގައި މި ޕެއާ އަށް ލިބުނު ދެ ވަނަ ރަން މެޑަލް އެވެ. މިދިޔަ އަހަރު ބޮޓްސްވާނާ މުބާރާތުގައި މި ޕެއާ އިން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ