ހިޔާ ފްލެޓުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފި
ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ ހިޔާ ފްލެޓެއްގެ ތެރޭގައި ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ. މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މިއަދު 15:50 ކަންހާއިރު ވަރަށް ބޮޑަށް ޒަޚަމުވެފައިވާ ދިވެއްސެއް ހިޔާ ފްލެޓް އަށަކުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑުގައި ގިނަ ޒަޚަމުތަކެއް ހުރި ކަމަށާއި އެ ތަނުގައި ތިބި މީހުން ބުނާގޮތުން އޭނާ ޒަޚަމުކޮށްލީ ވަޅިއަކުން ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ. "އޭނާގެ ގައިން ވަރަށް ލޭ ފައިބާފައި ހުރީ. ފޫޅުންތިރީގައި އޮތީ ފޮތިގަނޑެއް ބަނދެފައި," އޭނާ ކިޔައިދިނެވެ. ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. މި ކަމާ ގުޅޭގޮތުން ފުލުހުންނާއި ހުޅުމާލޭ ހޮސްޕިޓަލްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅި ނަމަވެސް އެ ދެ ފަރާތުގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ