ބީއެމްއެލްއިން އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، ކުޅިވަރުގެ ދާއިރާއިން ސްކޮލާޝިޕްތަކެއް ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލާޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ. ބީއެމްއެލްއިން ބުނީ، އެ ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ. އެ ސްކޮލާޝިޕަށް އެތުލީޓުން ހޮވުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެމްއޯސީން ކަމަށް ބޭންކުން ބުންޏެވެ. މީގެ އިތުރުން ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށް ކަމަށާއި، ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ސްކޮލާޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެކަން ބޭންކުން ފާހަގަކުރިއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އެ ސްކޮލާޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް،" ޝަރީފް ވިދާޅުވިއެވެ. އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ސްޕޯޓްސް ސްކޮލާޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވުމަކީ އެ ކޮމިޓީއަށް ލިބޭ އުފަލެއް ކަމަށެވެ. "މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ." އޭނާ ވިދާޅުވިއެވެ. ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ދޭން ފެށި ފަހުން މިހާތަނަށް އަށް އެތުލީޓެއްގެ ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ބީއެމްއެލްއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނާޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ