ހިޔާ ފްލެޓުގަައި ތޫނު އެއްޗަކުން ހަމަލާދިނީ ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި: ފުލުހުން
ހިޔާ ފުލެޓެއްގައި ތޫނު އެއްޗަކުން ހަމަލާ ދިން މީހާއަށް ހަމަލާދިނީ، ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ހިޔާ އަށް ވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަމަލާގައި ޒަޚަމްވެފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/215630 'ސަން'އިން ސުވާލުކުރުމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހާއަށް ލިބުނު އަނިޔާްާ ގުޅުވައި ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ، އަނިޔާވި މީހާ ޑޮކްޓަރުން އަދިވެސް ބަލަމުން އަންނަ ކަމަށާއި އެއަށް ފަހުގައި އަނިޔާގެ ތަފްސީލުތައް ދޭނެ ކަމަށެވެ. މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މިއަދު 15:50 ކަންހާއިރު ވަރަށް ބޮޑަށް ޒަޚަމުވެފައިވާ ދިވެއްސެއް ހިޔާ ފްލެޓް އަށަކުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑުގައި ގިނަ ޒަޚަމުތަކެއް ހުރި ކަމަށާއި އެ ތަނުގައި ތިބި މީހުން ބުނާގޮތުން އޭނާ ޒަޚަމުކޮށްލީ ވަޅިއަކުން ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ