ބީއެމްއެލްއިން ކުދި ވިޔަފާރިތަކަށް ޚާއްސަ، އިސްލާމިކް މައިކްރޯ-ފައިނޭންސިން ތައާރަފުކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިން ޕްރޮޑަކްޓް ތައާރަފުކޮށް، އެ ފައިނޭންސިންއަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެކަން އިއުލާންކޮށްފިއެވެ. ބީއެމްއެލްއިން މައިކްރޯ-ފައިނޭންސިން ތައާރަފުކުރަނީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ)ގެ ދަށުންނެވެ. ބީއެމްއެލްއިން ބުނީ، އެ ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5 ޕަސެންޓުގެ ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އެއީ މުޅި ރާއްޖޭގައި ވެސް މިހާރު ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުކަން އެ ބޭންކުން ފާހަގަކުރިއެވެ. އެ ފައިނޭންސިން އަނބުރާ ދެއްކުމަށް 10 އަހަރާ ހަމައަށް މުއްދަތު ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ ބޭނުމަކީ، އަގުހެޔޮކޮށް އަދި ދިގު މުއްދަތަކަށް ފަސޭހައިން ފައިނޭންސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލްއިން ބުނީ އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށެވެ. އަދި އެ ފައިނޭންސިންއަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަން ބޭންކުން ފާހަގަކުރިއެވެ. ބީއެމްއެލްއިން ވަނީ، ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސް ނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފުކުރެވޭކަމީ ބެންކަށް ލިބޭ ފަޚުރެއް ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން. މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލްއަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް." އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާ ލިބި، ވިލުންތެރި އިގުތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހިވާނެ ކަމަށެވެ. ބީއެމްއެލްއިން ބުނީ އެ ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ޚިދުމަތްތަކަށް ކުރިމަތިނުލެވޭ މީހުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިން ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ މީހުންނަށް އަމާޒުކޮށްފައިވާ ފައިނޭންސިންއެއް ކަމަށެވެ. އަދި ޝަރީޢާ ހަމަތަކުގެ މަތިން ދޭ އެ ފައިނޭންސިންއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އެ ބެންކުން ބުންޏެވެ. ބީއެމްއެލްއިން ވަނީ، އަންނަ ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލްއިން އެ ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ