ހުޅުމާލެ ދެވަނަ ފިޔަވަހީން ދޫކޮށްފައިވާ ހިޔާ ފްލެޓުތަކުން ކުލި ނުދައްކައިގެން އަރާފައިވާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ މައާފުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023ގައި އަރާފައިވާ ޖޫރިމަނާތައް ވެސް މައާފުކޮށްދީފަ އެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުން، މަހުން މަަހަށް ދައްކަން ޖެހޭ ފައިސާގެ %20 މި ސަރުކާރުން އޮތީ މާފު ކޮށްދީފަ އެވެ. އެއަށް ފަހު، ގަވައިދުން ކުލި ދެއްކުމަށާއި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ އޮގަސްޓު މަހު ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ތަފްސީލް - މިފަހަރު މައާފުކޮށްދިނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ނޮވެމްބަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ނުލިބުނެ އެވެ. އެކަމަކު އެޗްޑީސީއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާފުކޮށްދިން ޖޫރިމަނާގެ އަދަދު 1.2 މިލިއަނެއްހާ ރުފިޔާއަށް އަރަ އެވެ.
އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަށް ގަވާއިދުން ކުލި ނުދައްކަ އެވެ.
އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި ހުރި ފަައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެނގުން މުހިންމު - ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދިންއިރު، އެތަނުގެ ކުއްޔަށް މިހާރު ދައްކަން ޖެހޭ 4،984ރ ކުޑަކޮށްދޭނެ ކަމަށް ވެސް މި ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ފްލެޓުތަކުން ކުލި ނުދައްކާތީ ދައުލަތަށް ބުރަ ބޮޑުވެ އެވެ. އެހެންވެ، ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.
ހިޔާ ފްލެޓުތަކުން ކުލި ނުދައްކައިގެން އަރާފައިވާ 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ މައާފުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ