ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، މަތީ ސާނަވީގެ ކްލާސް ގަޑީގައި ފޯނު ބޭނުންނުކުރެވޭ ގޮތް ހަދަނީ

ދިރާސީ އާ އަހަރު ފެށުމާ އެކު، ގްރޭޑު 10 އަކުން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، 11 އިން މަތީ ގްރޭޑުތަކަށް ކްލާސް ގަޑީ ފޯނު ބޭނުންނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 
ބުނީ ކީކޭ؟ - ހުޅުމާލެ ރައްޔިތުންނާ އެކު މިހާރު ބާއްވަމުންދާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލުތަކުގައި ފޯނު ބޭނުންކުރުމަކީ، ގްރޭޑުު 10އިން ދަށުގެ ދަރިވަރުންނަށް މިހާރު ވެސް މަނާ ކަމެއް ކަމަށާއި އެކަމަކު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.
އެ މައްސަލައަށް އެދެވޭ ފިޔަވަޅުތަކެއް ނާޅާ އޮތުމުން ދަރިވަރުން ސްކޫލުގައި ފޯނު ބޭނުންކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުން:
ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމާ އެކު ގްރޭޑު 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ފޯނެއް ނުގެންދެވޭނެ؛ އެކަންތައް ވަރަށް ހަރުކަށިކޮށް މަނާކުރާނަން އަދި ބަލާނަން
ގްރޭޑު 11 އާއި 12ގެ ކުދިންނަށް ފޯނު ސްކޫލަށް ގެންދެވުނަސް ކްލާސް ގަޑީގައި ފޯނު ބޭނުންކުރުން މަނާވާނެ
11 ، 12 ގެ ދަރިވަރުންނަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން؛ ކްލާސް ގަޑީގައި ފޯންތައް ބަހައްޓަން ޖެހޭނީ އެ ލޮކާގައި
"ކްލާސްތަކުގައި އެ ލޮކާ ސިސްޓަމް ބަހައްޓާނެ. ބެހެއްޓީމަ ކްލާސް ގަޑީގައި އެއްވެސް ކުއްޖަކަށް ފޯނެއް ބޭނުމެއް ނުކުރެވޭނެ. އެ ލޮކަރަށް ލައި ބަންދުކޮށްފައި ކްލާސް ގަޑީގައި ކިޔަވައިދެމުންދާ ގަޑީގައި ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯން ލިބޭ ގޮތަށް ބަދަލުކުރާނަން ދިރާސީ އާ އަހަރު ފެށުނީމައި،" ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެއްވޭ ކަމެއް - ސްކޫލުގައި ފޯނު ބޭނުންކުރުމުގެ ކަންކަން ހަރުކަށިކުރާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ، މި ފަހުން އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
އެ ހަމަނުޖެހުން ހިނގީ ކްލާސް ތެރޭގައި އަޑުއިއްވަން ނުޖެހޭ ފަަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ފޯނުން އަޅުވައި މުޅި ކްލާހަށް އަޑުއިއްވަން އެ ދަރިވަރު މަސައްކަތް ކުރުމުން އެކަން ހުއްޓަވަން ޓީޗަރު އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި ޓީޗަރާއި ދަރިވަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ