ހުޅުމާލޭގައި 10 ބުރިއަށް ހުއްދަ ދެނީ، ގޯތިތަކުން ދައްކަން ޖެހޭ ފައިސާއަށް ލުޔެއް

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދޭނެ ކަމަށާ ފޭސް އެކަކުން އަގު ދައްކާ މިލްކުވާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކުން ދައްކަން ޖެހޭ ފައިސާއަށް ލުޔެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މީގެ އަހަރުތަކެއް ކުރީން ފޭސް އެކަކުން އަގު ދައްކާ މިލްކުވާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކުން ދައްކަން ޖެހޭ ފައިސާ އެއްވެސް ސަރުކާރަކުން ލުޔެއް ދީފައިނުވާ ކަމަށެވެ.
އެހެން ކަމުން އެ ރައްޔިތުންނަށް ކޮންމެވެސް މާލީ ލުޔެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ރައީސް ވިދާޅުވީ އެފަދަ ބަަންޑާރަ ގޯތިތައް ދޫކުރުމުގެ ކުރީން ހަދާފައިވާ އެގްރީމަންޓްގައިވާ އަގުން 10 އިންސައްތަ ޑިސްކައުންޓެއް ދެއްވާނެ ކަަމަށެވެ. 
އެ ގޯތިތަކުގެ ވެރީން ފައިސާގެ ބޮޑު ބައެެއް މިހާރު ދައްކާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެން ދައްކަން ޖެހޭ އަދަދުން އެ ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކާއި ދޫކުރާ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހެދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދަވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރާނަމަ ޝަރުތުތަކެއް ހުންނާނެ ކަަމަށެވެ. އެ ގޮތުން ތިރީ ފްލޯ ހާއްސަ ކުރަން ޖެހޭނީ ޕާކިން އަށް ކަަމަށާ އެއީ މަޖުބޫރުވާނެ ކަމެއް ކަމަށެވެ. އަދި ދިރިއުޅުން ނޫން ބޭނުމަކަށް އެއް ފްލޯ ހާއްސަ ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ