ޑުރަގު ފެނި، ފުލުހަކު ހައްޔަރުކުރުމުން ނަވީން: ކުށްތަކަށް އަރައިގަންނަ މީހުންނަށް ޚިދުމަތުގައި ޖާގައެއް ނޯންނާނެ

ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް އެ ޚިދުމަތުގައި ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން, ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފިއެވެ. ސީޕީ މިފަދައިން ވިދާޅުވީ، ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި، ހައްޔަރުކުރި ޒުވާން ފުލުހެއްގެ މައްސަލައާ ގުޅިގެނެވެ. މި މައްސަލައިގައި ހައްޔަރުކުރީ، ތ. ވަންދޫއަށް ނިސްބަތްވާ 25 އަހަރުގެ މުޙައްމަދު ނަވާޒެވެ. މިއަދު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ވަންދޫގެ ބަނދަރު މަތިންނެވެ. https://sun.mv/215621 ނަވާޒު ހައްޔަރުކުރުމަށް ފަހު އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ސީޕީ މިއަދު ވިދާޅުވީ، ޖިނާއީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން، މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ނަވީން ވިދާޅުވިއެވެ. މިފަދަ ކުށްކުރާ މުވައްޒަފުންނަށް އެ ޚިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ނަވާޒުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ނަވާޒު ހައްޔަރުކުރުމާ އެކު، ވަޒީފާއިން އޭނާ ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ. https://sun.mv/215350 ނަވާޒަކީ، 2021ގައި ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެކެވެ. ފާހަގަކުރެވޭ ގޮތުގައި، މާލޭގެ ސެލޫނަކަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސްއެޅި މައްސަލައިގައި މިމަހުގެ ހަތްވަނަ ދުވަހު ފުލުހަކު ހައްޔަރުކުރިއެވެ. އޭގެ އިތުރުން ކުޑަކުއްޖަކަށް ފުލުހަކު ބިރުދެއްކި މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް މިދިޔަ މަހުގެ ކުރީކޮޅު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ