ޔުނައިޓެޑް ބަލިކޮށް ވިލާ އަށް 111 އަހަރަށް ފަހު ކާމިޔާބުގެ ސިލްސިލާ އެއް ޔުނައިޓެޑް ބަލިކޮށް ވިލާ އަށް 111 އަހަރަށް ފަހު ކާމިޔާބުގެ ސިލްސިލާ އެއް

ބާމިންހަމް (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދައި، އެސްޓަން ވިލާ އިން 111 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 10 މެޗުން މޮޅުވެއްޖެ އެވެ.
ވިލާ އިން މި ސީޒަން ފެށީ، އެ ކްލަބްގެ ތާރީހުގައި ފާއިތުވި 28 އަހަރު ތެރޭ އެންމެ ދަށް ރެކޯޑާ އެކު އެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު 10 މެޗުން ވިލާ މޮޅުވިއިރު، އެ ޓީމުން އެކަން މި ހާސިލްކުރީ ގަރުނަކަށް ވުރެން ގިނަ ދުވަހަށް ފަހުންނެވެ. އަދި، ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ގޮތުގައި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑް އަތުން މި ހޯދި މޮޅާ އެކު ވިލާ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައި، އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.
އާސެނަލް އޮތީ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 17 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ވިލާ އަށް ވަނީ 17 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
ވިލާ ޕާކުގައި ކުޅުނު މި މެޗު ފަށައިގެން ޔުނައިޓެޑުން ކުރިއަށް ޖެހިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ އެވެ. އަދި، ވިލާ ގޯލާ އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. އެކަމަކު، ވިލާ އިން ވަނީ މެޗުގެ 45 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ މި ފަހުން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މޯގަން ރޮޖާސް އެވެ. އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ވަދެ، ރޮޖާސް ފޮނުވާލި ޝޮޓް ވަނީ ގޯލުގެ މަތީ ކަނަށެވެ.
އެކަމަކު، ވިލާ އަށް ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލެވޭ ގޮތެއްނުވި އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 12 މިނިޓް ތެރޭ، ޔުނައިޓެޑްގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ރޮޖާސް ވަނީ ވިލާ އަށް ދެ ވަަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ.
ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން ކޫންޏާ އަށް ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ދެ ވަަނަ މެޗުން ޔުނައިޓެޑް ބަލިވިއިރު، އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ. އެއީ، 17 މެޗުން 26 ޕޮއިންޓާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ