އެފްޑީސީ ފުލެޓުތައް ހަވާލުކުރާ ތާރީޚުތައް އަވަސްކޮށް، ޕޯޓަލްއިން މިރޭ އަންގަން ފަށަނީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ހަވާލުކުރަން މީގެ ކުރިން ދީފައި އޮތް ތާރީޚުތައް އަވަސްކޮށް، ތަޅުދަނޑި ހަވާލުކުރުމާ ގުޅޭ މައުލޫމާތު މިރޭ ދޭން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ. ޙަމްދާން 'ސަން'އަށް މިއަދު ވިދާޅުވީ، އެފްޑީސީގެ މަދު ޓަވަރުތަކަކަށް ފެން ދިނުމަށްޓަކައި ފެން ކުންފުނި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރަމުންދާ މަސައްކަތް ފިޔަވައި، އެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފްލެޓުތަކުގެ ތަޅުދަނޑިއާ ހަވާލުވާނެ ތާރީޚު ދުރާލާ ޝެޑިއުލްކުރަން, ޕޯޓަލް މެދުވެރިކޮށް ފްލެޓުވެރިންނަށް އަންގާނެ ކަމަށެވެ. ޙަމްދާން ވިދާޅުވިގޮތުގައި ފްލެޓުވެރިން ޝެޑިއުލްކުރާ ގޮތަށް ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން މާދަމާ ފަށާނެއެވެ. "މިރޭ އަޅުގަނޑުމެން ނޯޓިސް ފޮނުވާލާނަން އަޅުގަނޑުމެންގެ ފަހި ޕޯޓަލް މެދުވެރިކޮށް ޓެނަންޓުން އެއަށް ލޮގިންވެ، ތަޅުދަނޑި ބަލައި އަންނަން ޝެޑިއުލްކުރަން،" ޙަމްދާން ވިދާޅުވިއެވެ. ރައީސް މުޢިއްޒާއި ޙަމްދާން ޝަކީލް --- ފޮޓޯ/ ރައީސް އޮފީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ. ދިރާސީ އާ އަހަރު ފެށޭނީ އަންނަ ޖަނަވަރީ މަހުގެ 27ގައެވެ. https://sun.mv/214434 މި މަހު ކުރީކޮޅު އެފްޑީސީން ވަނީ، 4،000 ފުލެޓުގެ ވެރިންނަށް ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ލަފާކުރާ ތާރީޚުތައް އާންމުކޮށްފައެވެ. އެ ކޯޕަރޭޝަނުން އޭރު އާންމުކުރި މައުލޫމާތުގައިވާ ގޮތުން: އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފުލެޓު: މި މަހުގެ ދެވަނަ ހަފުތާގައި އަމާން އުދަރެސްގެ އަށްވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީގެ ތިންވަނަ ހަފުތާގައިއަމާން އުދަރެސްގެ އެއްވަނަ، ދެވަނަ، ތިންވަނަ، ހަތަރުވަަނަ އަދި ހަތްވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީ ހަތަރުވަނަ ހަފުތާގައި އަމާން އުދަރެސްގެ ފަސްވަނަ އަދި ހަވަނަ ޓަވަރު: ޖަނަވަރީ ތިންވަނަ ހަފުތާގައިއަމާން އުދަރެސްގެ ނުވަވަނަ އަދި 10 ވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީ ފަސްވަނަ ހަފުތާގައި އަމާން ދޯދި އެއްވަނަ، ދެވަނަ، ތިންވަނަ، ހަތަރުވަނަ، 12، 13، 14 ވަނަ ޓަވަރު: ޖަނަވަރީ ފަސްވަނަ ހަފުތާގައި އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު: ޖަނަވަރީ ދެވަނަ ހަފުތާގައި އަމާން ދޯދި ފަސްވަނަ، ހަވަނަ، ހަތްވަނަ، އަށްވަނަ، ނުވަވަނަ، 10 ވަނަ އަދި 11 ވަނަ ޓަވަރު: ޖަނަވަރީ ފަސްވަނަ ހަފުތާގައި https://sun.mv/214761 ފާހަގަކުރެވޭ ގޮތުގައި، ފަހި ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދެއްވާނެކަން ރައީސް ހާމަކުރައްވާފައިވެއެވެ. އެ މަނިކުފާނު އެކަން ހާމަކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން އަޅަމުންދާ ފުލެޓުތަކަށް ކުޑަ ދުވަސްކޮޅެއް ތެރޭ ފުލެޓުތަކުގެ ހައްގުވެރިންނަށް ވަދެވޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ގެދޮރުވެރިޔާގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަންޖެހޭ މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުއްޔަށް ވާ ވަރަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ