ދުނިޔޭގެ މައުދަނުގެ ބާޒާރުގައި ރިހީގެ އަގު މަތިވެ، ރާއްޖޭގައި މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު އާދަޔާހިލާފަށް ބޮޑުވެއްޖެ އެވެ.
ވީ ކިހިނެއް؟- ދިވެހި ޒަކާތު ހައުސްއިން އިއުލާންކުރި ގޮތުގައި މި މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 19،527.29 ރުފިޔާ އެވެ. އެންމެ ފަހުން އެ އަދަދު އުޅުނީ 7،140 ރުފިޔާގަ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެއަށް ބަލައިގެން، ރާއްޖޭގައި ނިސޯބުގެ އާއްމު މިންވަރަކީ 5،000-7،000 ރުފިޔާގެ ދެމެދުގެ އަދަދެކެވެ.
މައުދަނުގެ އަގުހުރި ގޮތް:
ރަން ގްރާމެއް: 2،149.39 ރުފިޔާ
ރިހި ގްރާމެއް: 32.82 ރުފިޔާ
އެންމެ ފަހުން ރިހީގެ ގްރާމެއް އުޅުނީ 8 ރުފިޔާގައި
"އަޅުގަނޑުމެންގެ ޒަކާތުގެ ހަޔާތުގައި ވެސް މިއީ މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު އަދަދު. ވަރަށް ހައިރާންވި،" ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އިއްޒުއްދީން އަދުނާން ވިދާޅުވި އެވެ.
"ރިއްސާއި ރިހީގެ އަގު އަޅުގަނޑުމެންނަށް ފޮނުވަނީ އެމްއެމްއޭއިން. މި އަގު ފެނުނީމައި އަޅުގަނޑުމެން އިތުރަށް ވެސް ސުވާލު ކުރަން ޖެހުނު."
އޭނާ ވިދާޅުވީ ހަނގުރާމަތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާއި ރަނާއި ރިހި ނެގޭ މިންވަރު މަދުވެގެން އެގޮތަށް އަގަށް ބަދަލު އަންނަ ކަމަށެވެ. އެކަމަކު އެގޮތަށް ރިހީގެ އަގު މައްޗަށް ގޮސްގެން، މީގެ ކުރިން މިހާތަނަށް ނިސޯބު އެންމެ މައްޗަށް އެރީ، 11،000 ރުފިޔާގެ އަދަދަކަށް ކަމަށް ވިދާޅުވި އެވެ.
"އޭރު އަޅުގަނޑުމެން ހީކުރީ އެއީއޭ އެންމެ ބޮޑު އަދަދަކީ. އެކަމަކު މިހާރު އެއަށް ވުރެ ބޮޑު ޖަމްޕެއް މިއައީ،" އިއްޒުއްދީން ވިދާޅުވި އެވެ.
އެނގުން މުހިއްމު- މުދަލު ޒަކާތުގެ ނިސޯބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން، އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން ނިސޯބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރެން ވާޖިބު ވާނެ އެވެ.
ރިހީގެ އަގު މަތިވެ، މުދަލު ޒަކާތުގެ ނިސޯބު އާދަޔާހިލާފަށް ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ