މާލެ ސަރަހައްދުގައި މިދިޔަ މަހު އަސާސީ ތަކެތީގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ (އެމްބީއެސް) ހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ އިދާރާ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު:
މަހުން މަހަށް ބަލާ ނަމަ މިދިޔަ މަހު ތަކެތީގެ އަގު ވަނީ %0.98 ދަށްވެފައި
އަހަރުން އަހަރަށް ބަލާއިރު އަގުތައް ވަނީ %1.89 އުފުލިފައި
ތަފްސީލް - އަސާސީ ތަކެތީގެ އަގަށް އަންނަ ބަދަލުތައް އެމްބީއެސް އިން އާންމުކުރަން ފަށާފައިވާއިރު މިދިޔަ މަހު މާލެ ސަރަހައްދުގައި:
ކާބޯތަކެތީގެ އަގުތައް ވަނީ %1.49 ދަށްވެފައި؛ އަހަރުން އަހަރަށް ބަލާ ނަމަ ކާބޯތަކެތީގެ އަގު %1.82 ވަނީ އުފުލިފައި
އެކި ކަހަލަ ބުއިންތައް ނުވަތަ ބެވަރޭޖަސްގެ އަގު މިދިޔަ މަހު %0.45 ވަނީ ދަށްވެފައި؛ އަހަރުން އަހަރަށް ބަލާ ނަމަ އެ އަގުތައް %2.68 ވަނީ އުފުލިފައި
ގޭހާއި ތެލުގެ އަގު މިދިޔަ މަހު %0.68 އުފުލުނު؛ އަހަރުން އަހަރަށް ބަލާ ނަމަ އެ އަގުތައް %0.83 ދަށްވި
ޕާސަނަލް ކެއާ ނުވަތަ ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް މިދިޔަ މަހު %0.18 އުފުލުނު؛ އަހަރުން އަހަރަށް ބަލާ ނަމަ %2.99 ވަނީ އަގު އުފުލިފައި
ސްޓެޓިސްޓިކްސް ބިޔުރޯ އިން ބުނީ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހު އެންމެ ބޮޑަށް އަގުތައް ދަށްވި އެއް ބާވަތަކީ މޭވާ ކަމަށެވެ. މޭވާގެ އަގުތައް އެވްރެޖުކޮށް %7.94 ވަނީ ދަށްވެފަ އެވެ.
ނަމަވެސް ޖޭމު، ޗޮކްލެޓް ސްޕްރެޑް، މާމުއި އަދި އެހެނިހެން ފޮނި އެއްޗެހީގެ އަގުތައް އެ މުއްދަތުގައި %1.15 އުފުލުނު އިރު، ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް ވެސް ވަނީ %0.38 އުފުލިފަ އެވެ. އެގޮތުން:
މިިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު މޭވާގެ ބާވަތްތަކުގެ އަގު %6.94 ވަނީ އުފުލިފައި
ނަމަވެސް ތަރުކާރީގެ ބާވަތްތަކުގެ އަގު ވަނީ %10.10 ދަށްވެފައި
މީގެ އިތުރުން، ބެވަރޭޖަސް ނުވަތަ އެކި ކަހަލަ ބުއިންތަކުގެ ތެރެއިން ސައިފަތް އަދި އެފަދަ އެހެން ބާވަތްތަކުގެ އަގު މިދިޔަ މަހު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު %0.45 އުފުލިފަ އެވެ. ކޮފީ އާއި ކޮފީ ފަދަ އެހެން ބުއިންތަކުގެ އަގު ވެސް އެ މުއްދަތުގައި %0.65 އުފުލިފައިވާ ކަމަށް އެމްބީއެސްގެ ހިސާބުތައް ދައްކަ އެވެ.
އަހަރުން އަހަރަށް ބަލާ ނަމަ:
ކޮފީ އާއި އެފަދަ ބުއިންތަކުގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު %8.68 ވަނީ އުފުލިފައި
މޭވާ އާއި ތަރުކާރީ ޖޫހުގެ އަގު %5.67 ވަނީ އުފުލިފައި
އެނގުން މުހިއްމު - އީސީޕީއައި ހިސާބުކުރުމުގެ ބަލަނީ އަސާސީ ބޭނުންތަކަށް ބޭނުންކުރާ ކާބޯތަކެއްޗާއި އެ ނޫން ވެސް ސާމާނުގެ އަގުތަކަށް އަންނަ ބަދަލެވެ. އެގޮތުން:
މި ބަދަލުތައް ހިސާބުކުރުމަށް ބޭނުންކުރާ ބާސްކެޓުގައި 96 ބާވަތެއް ހިމެނޭ
ކޮންމެ މަހަކު ވެސް 2،549 ކޯޓޭޝަނަށް ބަލައިގެން އަގަށް އަންނަ ބަދަލުތައް ހިސާބުކުރޭ
އަސާސީ ތަކެތީގެ އަގުތައް މިދިޔަ މަހު ދަށްވި: އެމްބީއެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ