ތުރާކުނުގައި ފެށި ފެން ބަންކަރިންގެ ހިދުމަތް ފެނަށް!

ހއ. ތުރާކުނުގައި ފެން ބަންކަރިންގެ ހިދުމަތް ފޯރުކޮށް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތުރާކުނުގައި ވާންޖެހޭ ތައްުޔާރީތައް ފެށި ކަމުގެ ސުރުހީތަކެއް ނޫސްތަކުގައި މީގެ އަހަރެއްކުރިން ފެނުނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްޕީއެލް އިން ބޯޓަކަށް ބޭނުންވާ ފެން ފޯރުކޮށްދީފަ ކަމަށް ނޫސްތަކުގައި ލިޔެފައި އެބަހުއްޓެވެ. އޭރު އެކަން ކުރީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. އަދި އެފަހުން އެމްޕީއެލް އިން ބުނީ، ފެން އުފުލުމަށް ހާއްސަ ބާޖެއް ހެދީ ތިލަފުށީގައި އޮތް އެ ކުންފުނީގެ ޑޮކްޔާޑުން ކަމަށެވެ. އެ ބާޖުގައި 200 ޓަނުގެ ފެން ރައްކާ ކުރެވޭނެ ކަމަށާއި ދެން "ވޯޓަ ބަންކަރިން" ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެ ބާޖު ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ. އެ ބާޖުގެ ހިދުމަތް ފުރިހަމަ ކުރުމަށް ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.ނަމަވެސް އެބުނާ ބާޖެއް ވީތަނެއް އެއިން ފެން އުފައްދާ މިންވަރެއް އިނގޭ މީހަކު ތުރާކުނުގައި ނެތެވެ.އެމްޕީއެލް އިން ކުރިން ބުނީ ލިބިފައިވާ އޯޑަރުތަކުން "ފެން" ވިޔަފާރިން މަހަކު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން މިއަދު ގުޅުމުން ބުނީ ފަހުން ތަފްސީލެއް ދޭނެ ކަމަށެވެ. ތުރާކުނުން "ހޯރަ" އަށް މައުލޫމާތު ދިން މީހާ ބުނީ ވޯޓާ ބަންކަރިން ހިދުމަތް ބަޔަކަށް ދެވޭނީ ތުރާކުނަށް ފުރަތަމަ ސާފު ބޯފެން ކަށަވަރުވެގެން ކަމަށާއި ސަރުކާރުން ފެށި ހިދުމަތުން މިހާރު ފެންނަން ހުރީ "ތިން މުޑި" ކަމަށެވެ. އަދި ބަދަރުގައި ހުރި އެ މުޑިތަކުގައި ދުއްވާ އެއްޗަކުންޖެހި މީހަކަށް އަނިޔާވުން ނޫން އިތުރު ކަމެއް މިހާރު ތުރާކުނު ރައްޔިތުންނަށް ތަޖުރިބާ ނުކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ ސަރުކާރުން ކުރާކަމެއްގައި ދެކޮޅު ޖެހެންވާނެ ކަމަށާއި ބޮޑު އެއްބަސްވުންތައް ހަދައިގެން ފެށި ކަމަކުން ރަށުގައި އުފެދުނު ވަޒީފާގެ ފުރުސަތެއް ވެސް ނެތް ކަމަށެވެ. އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ފަށާ އެމްޕީއެލް އިން އަންނަނީ ބޯޓުތަކަށް މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެމުން ކަމަށް ވެސް އެކުންފުނިން ކުރިން އޮތީ ބުނެފަ އެވެ. އޭގެ ތެރޭގައި ޕައިލެޓޭޖު ހިދުމަތާއި ކްރޫ ޗޭންޖު ކުރުމާއި ޝިޕް ޓު ޝިޕް ހިދުމަތްތަކާއި ލޯންޗުތަކުގެ ހިދުމަތްތަކާއި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމާއި މެއިންޓެނެންސް ހިދުމަތްތަކާއި ޓަގް ސާވިސަސް ހިމެނެ އެވެ. ނަމަވެސް މިއިން އެއްވެސް ހިދުމަތެއް ނުދެވި ތުރާކުނުގައި ދޭން ބުނި ވޯޓަރ ބަންކަރިންގެ "ފެނަށް" ވެ، އެމްޕީއެލްއިން އުލިގަމު ޔޮޓް މެރީނާ ތަރައްޤީކޮށް، އެ ރަށުގައި މެރިޓައިމްގެ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަށު ކައުންސިލްއާއެކު ސޮއިކުރި ފަހުމުނާމާ ވެސް އޮތީ މަތާރަންފިލާމަތީ ހިރަފުސް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ