ލުއި ގޮތަކަށް ގެދޮރު ގަނެވޭ ސްކީމުގެ ދަށުން ބީއެމްއެލްއިން 3,000 ފްލެޓް އަޅަން ސޮއިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަރަދުކޮށްގެން އަޅާ 3,000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ބިން ހޯދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެނގުން މުހިންމު - މާލެ ސަރަހައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް 'އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް'ގެ ނަމުގައި ސްކީމެއް ހިންގަން މިދިޔަ މަހު ކެބިނެޓުން ނިންމާފައިވެ އެވެ.
އެއާ އެކު، އެ ސްކީމްގެ ދަށުން ފަންޑެއް ގާއިމްކޮށް، އެ ފަންޑު ހިންގާނެ ގޮތުގެ ގަވާއިދު، މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން:
ފަންޑުން ފައިސާ ދޫކުރާނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ އަދި އެމްއެމްއޭއިން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހުންނަށް
ރާއްޖޭގައި ހިންގާ ކޮންމެ ބޭންކަކުން ވެސް އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމްލަ ފައިސާގެ ތެރެއިން %10 އާއި %15އާ ދެމެދުގެ އަދަދެއް ފަންޑަށް ދޫކުރަން ޖެހޭނެ
ފަންޑުން ފައިސާ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ޝަރުތުތައް އެމްއެމްއޭއިން އާންމުކުރާނެ
ފަންޑުން ދޫކުރާ ފައިނޭންސިން ފެސިލިޓީގެ މުއްދަތަކީ މަދުވެގެން 25 އަހަރު؛ ނަމަވެސް ފެސިލިޓީ ނަގާ ފަރާތުން އެދޭ ނަމަ އެއަށް ވުރެ ކުރު މުއްދަތެއް ހަމަޖެއްސިދާނެ
ވީ ކިހިނެއް؟ - ބީއެމްއެމް އިން ބުނީ އެ ފަންޑުގެ ދަށުން ހިންގާ މި މަޝްެރޫއަށް ހުޅުމާލެ ފޭސް 1 އަދި 2 އާއި ވިލިމާލޭން ބިން ހޯދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ:
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
މި ފަންޑުގެ ދަށުން ބީއެމްއެލް އިން ގާއިމްކޮށްފައިވާ އެ ބޭންކުގެ %100 ހިއްސާވާ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމް
ތަފްސީލް - ބީއެމްއެލް އިން ބުނީ:
3،000 ހައުސިން ޔުނިޓް އެޅުމަށް ބީއެމްއެލް އިން ހަރަދުކުރާނެ
މި ޔުނިޓުތަކުގެ މަސައްކަތް ކުރާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގާބިލު ކުންފުނިތަކާ ހަވާލުކޮށްގެން؛ މިހާރު ވެސް ވަނީ ބައެއް ފަރާތްތަކަށް 'އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް' ހުށަހެޅުމަށް ދައުވަތު ދީފައި
މި ހައުސިން ޔުނިޓުތައް ވިއްކާނީ ލީސް-ޓު-އޯން މޮޑެލްގެ ދަށުން، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަކޮށް
ގަންނަ ފަރާތްތަކަށް ކޮންމެ މަހަކު ކުލި ދައްކަމުން އެ ޔުނިޓަކަށް ވަދެވޭނެ؛ ޔުނިޓުގެ ޖުމްލަ އަގު ހަމަވަމުން އެ ތަން މިލްކުވާނެ
ބުނީ ކީކޭ؟ - އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކާއި ޖުމްލަ ލޯން މާކެޓްގެ %52އަށް ވުރެ ބޮޑު ހިއްސާއެއް އޮތް ބޭންކުގެ ހައިސިއްޔަތުން، މި މުހިއްމު ޕްރޮޖެކްޓަކީ އެ ބޭންކުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
"މިއަދު އެއްބަސްވުމުގައި ސޮއިކުރުމާ އެކު މި މަސައްކަތް ފަށާ ފުރަތަމަ ބޭންކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. މިއީ މި ސްކީމްގެ ކަންކަން ފުރިހަމަ ކުރުމަށް ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް. އަދި މިއީ ދިވެހި އާއިލާތަކަށް ފަސޭހައިން ގެދޮރު ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ވެވޭ އެހީއެއް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ