ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން، އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ދައްކަން ޖެހޭ ލޯނަކަށް 1.7 މިލިއަން ރުފިޔާ ދައްކާފައި ވަނީ ނަގުދު ފައިސާއިންކަން ހާމަވެއްޖެ އެވެ.
އެނގުން މުހިންމު - ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަކަށް 2.5 މިލިއަން ރުފިޔާ ނުދައްކާ އޮތް މައްސަލައެއްގައި ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން:
ދަރަނި ދެއްކީ މައްސަލަ ހުށަހެޅި ދުވަހު
މިހާރު އެ މައްސަލައިގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައި
ވީ ކިހިނެއް؟ - މިދިޔަ ފެބުރުއަރީ މަހު ހިންގި އެ މުއާމަލާތާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއް ވެސް މިހާރު ހާމަވެފައިވާއިރު، 'ދައުރު'އަށް މައުލޫމާތު ދިން އިތުބާރުހުރި ފަރާތްތަކުން ވެސް ވަނީ އެ ރިޕޯޓްގައި ހުރި މައުލޫމާތުގެ ސައްހަކަން ހެއްކާ އެކު ކަށަވަރުކޮށްދީފަ އެވެ.
އެ ރިޕޯޓްގެ ސައްހަކަން ވެސް ވަނީ ކަށަވަރު ކުރެވިފަ އެވެ.
ތަފްސީލް - 'ދައުރު'އަށް ލިބިފައިވާ މައުލޫމާތުތަކުން ވެސް ކަށަވަރުވާ ގޮތުގައި އަދި އެފްއައިޔޫގެ ރިޕޯޓްގައި ވެސް ބުނެފައި ވަނީ:
ސިނާންގެ ލޯނަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާއިން 1.7 މިލިއަން ރުފިޔާ ހިއްޕަވައިގެން އެމްއައިބީއަށް ވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭރު ހުންނެވި އަދި މިހާރު ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ ނައިބު، ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން
ނަގުދު ފައިސާއިން ބޭންކަށް ދެއްކުމަށް ފަހު އެ ފައިސާ ހޯދި ގޮތުގެ ހެއްކެއް ކަމަށް ދައްކާފައި ވަނީ ހެލްތު އެންޑް ގްލޯ ކިޔާ ކުންފުންޏަކުން ލޯނެއްގެ ގޮތުގައި އެ ފައިސާ ދިންކަމުގެ އެއްބަސްވުމެއް
އެފްއައިޔޫ ރިޕޯޓްގައިވާ ގޮތުގައި، ހެލްތު އެންޑް ގްލޯ ކުންފުނިން ސިނާންގެ ލޯނު ދައްކަން ދީފައި ވަނީ، 6 މަސްދުވަސް ތެރޭ އަނބުރާ ދައްކާ ގޮތަށް ލޯނެއްގެ ގޮތުގަ އެވެ. ހެލްތު އެންޑް ގްލޯއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑް ޑިރެކްޓަރެއް ކަމަށްވާ އަބްދުﷲ ނަސީމް އާއި އަލީ ޝިނާން ކިޔާ ފަރާތެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މުހްތާޒްގެ ބަސް - މިކަމާ ގުޅޭ ގޮތުން މުހުތާޒްގެ ބަހެއް ހޯދުމަށް މިއަދު ގުޅުމުން އޭނާ ވަކި އެއްޗެކޭ ވިދާޅުވާން އުޒުރުވެވަޑައިގެންނެވި އެވެ.
"އޭރު ތިކަން ހިނގިިރު އޭނާއަކީ [ސިނާންއަކީ] އަޅުގަނޑުގެ މުވައްކިލެއް. އެހެންކަމުން އަޅުގަނޑުގެ ކްލަޔަންޓެއްގެ މައުލޫމާތު އަޅުގަނޑަކަށް ނޫސްވެރިންނަކަށް ނުދެވޭނެ،" މުހުތާޒް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ސިނާންގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
ސިނާންގެ ލޯނަށް 1.7 މިލިއަން ރުފިޔާ ދެއްކީ ނަގުދު ފައިސާއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ