ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ގައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް ތައާރަފްކުރުން އޮތީ މިއަދު މެންދުރުފަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް އޮތް މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިން ހުއާއާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން-- ސަން ފޮޓޯ: މާނިއު މުޙައްމަދު އަލަށް ތައާރަފްކުރި މި ޚިދުމަތަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބޭންކުން ބުންޏެވެ. މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ: ޗައިނީސް ޔުއާން އެކައުންޓް: އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން. ޗައިނީސް ޔުއާންއިން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ޚިދުމަތް: ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ޓީޓީ ފޮނުވުމާއި ޗައިނީސް ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން. ލެޓާ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން. މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ. ވީޗެޓް ޕޭ: ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓާކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައް ވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ. ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ. އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފާ ވެސް ކުރެވޭނެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި، އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ބީއެމްއެލް ގުޅުވައިލުމުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. "މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، ފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް،" ޝަރީފް ވިދާޅުވިއެވެ. މިއަދު ތައާރަފްކުރި ޚިދުމަތްތަކުގެ އިތުރުން އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލްއިން ދޫކުރަން ފަށާނެ ކަމަށް ވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައެވެ. މި ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭނެ ކާޑެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ