ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި 4،500 ދުވުންތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
އަންނަ އޮކްޓޯބަރު 24، ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ރޭސްގައި ހާފް މެރަތަން، 10 ކިލޯމީޓަރު، ފަސް ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރު ކޯޕަރޭޓް ޓީމް ކެޓަރީ ހިމެނެ އެވެ.
ދިރާގުން ބާއްވާ ރޯޑް ރޭހުގެ 16 ވަނަ އެޑިޝަންގައި ވަނަވަނައަށް ދާ ދުވުންތެރިންނަށް 280،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ކުރިން ވިދާޅުވީ ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް މި އަހަރު މުޅިން އައު ރޫޓެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"މި ރޫޓަކީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސަރޓިފައިކޮށްފައިވާ ރޫޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ދުވުމުގައި ވެސް ކޯޕަރޭޓް ޓީމް ކެޓަގަރީގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވުން،" އޭނާ ވިދާޅުވި އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މީގެއިތުރުން މި ދުވުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މިގޮތުން ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި އަހަރު އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ ދެ ލައްކަ ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 4،500 ދުވުންތެރިން ރަޖިސްޓާކޮށްފި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 4،500 ދުވުންތެރިން ރަޖިސްޓާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ