މި އުންމަތުގެ ނަބިއްޔާ ޤުރުއާން ތިލާވަތުކުރެއްވި ގޮތްކޮޅު

ކޮންމެ މުސްލިމަކު ވެސް ކީރިތި ޤުރުއާން ކިޔަވާ ހިތްވެއެވެ. އަދި އާދައިގެ ކިޔެވުމަކުން ވެސް ނޫނެވެ. އެ މީހަކަށް ކިޔެވުނު އެންމެ ރީތިކޮށެވެ. ރީތިކޮށް ޤުރުއާން ކިޔަވާ މީހުންގެ ކިޔެވުން އަޑުއަހާ ހިތްވަނީ ވެސް އޭގައި އެކުލެވޭ ޖާދޫއެއް ކަހަލަ މިއުޒިކީ ހަމަތަކުން އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުން ލިބޭތީއެވެ. ކީރިތި ޤުރުއާން ކިޔެވުމުގައި އެންމެ ފުންނާބު އުސްވާނީ މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް ޚުދު އެކަލޭގެފާނު ވެސް އެހެން މީހުން ޤުރުއާންކިޔަވާ އަޑު އައްސަވާހިތްވެއެވެ. އެއް ފަހަރަކު އިބްނު މަސްޢޫދު رضي الله عنهގެ ކިޔަވައިވިދާޅުވުން އަޑުއައްސަވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ކީރިތިކުރެއްވުނެވެ. މިއީ މުސްލިމުންގެ ތެރޭ މަޝްހޫރު ވާހަކައެކެވެ. އިބްނު މަސްޢޫދު رضي الله عنهގެ ކިޔަވައިވިދާޅުވުމަކީ ހިތްގައިމު ރިވެތި ކިޔެވުމެއް ކަމަށާއި އެކަލޭގެފާނު ކިޔަވައިވިދާޅުވަނީ ތިމަންކަލޭގެފާނުގެ ކިޔަވައިވިދާޅުވުމާއި ޖިބްރީލުގެފާނުގެ ކިޔަވައިވިދާޅުވުމާ ވެސް ވައްތަރުވެ، އެއްގޮތްވެގެންވާ ގޮތަށްކަމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. އަދި އިބްނު މަސްޢޫދު رضي الله عنهގެ ކިޔަވައިވިދާޅުވާ ގޮތަށް ކިޔެވުމަށް ވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ކިޔަވައިވިދާޅުވުމާ ބެހޭ ގޮތުން ޒާދުލްމަޢާދު އެވެ ކިޔުނު ފޮތުގައި އިބްނު ޤައްޔިމް رحمه الله ލިޔުއްވައިފައި ވެއެވެ. އިތުރު އެކަލޭގެފާނު ޤުރުއާން ތިލާވަތުކުރައްވަނީ ކޮންމެ އާޔަތަކަށް ހުއްޓަވަމުންނެވެ. ފަހެ، އިތުރު އެކަލޭގެފާނުގެ ތިލާވަތުގައި (الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ) ތިލާވަތުކުރައްވާފައި، އިރުކޮޅަކު މަޑުކުރައްވައެވެ. ދެން (الرَّحْمَـٰنِ الرَّحِيمِ) ތިލާވަތުކުރައްވާފައި އަނެއްކާ ވެސް އިރުކޮޅަކު މަޑުކުރައްވައެވެ. ދެން (مَالِكِ يَوْمِ الدِّينِ) އެވެ މި ގޮތަށް ތިލާވަތުކުރައްވަމުން ކުރިޔަށް ގެންދަވައެވެ. ﷲގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކިޔަވައިވިދާޅުވުމާ ބެހޭ ގޮތުން އައްޒުހުރީ رحمه الله ބަޔާންކުރައްވާ ގޮތުގައި، އިތުރު އެކަލޭގެފާނު އާޔަތްތައް ތިލާވަތުކުރައްވަނީ ވަކިވަކިންނެވެ. އެއީ ޤުރުއާން ކިޔެވުމުގައި އެންމެ ރަނގަޅު ގޮތެވެ. ކުރިޔަށް އޮތް އާޔަތުގެ މާނައާއި ކިޔައި ނިމުނު އާޔަތުގެ މާނައާ ގުޅުމެއް އޮތް ކަމުގައި ވީނަމަވެސް ކޮންމެ އާޔަތެއް ކިޔެވުމަށްފަހު ކުޑައިރުކޮޅަކަށް މަޑުކޮށްލުން އެއީ އަދަބުވެރިގޮތެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ތިލާވަތުކުރެއްވުން އެކި ފަހަރު އެކި ގޮތަށް ބަހައްޓަވައެވެ. ބައެއް ފަހަރު ވަރަށް ހަމަހިމޭން މަޑުމޮޅި ރާގުފުޅެއްގައެވެ. އަނެއްބައި ފަހަރު ކުޑަކޮށް ހަލުވި މިނެއްގައި ތިލާވަތުކުރައްވައެވެ. ދަންވަރުގެ ވަގުތުގައި ތަޙައްޖުދު ކުރައްވާ ހިނދު ބައެއް ފަހަރު މައްދުތަކަށް ރަނގަޅަށް ދަންމަވައިގެން ތިލާވަތުކުރައްވައިފައި އެނެއްބައި ރޭރޭގައި ކުރު ދެންމެވުމަކުން މައްދުތަކަށް ދަންމަވައިގެން ތިލާވަތުކުރައްވައެވެ. ބައެއް ރޭރޭ އަޑުފުޅު ވަރަށް ހަރުކޮށް ބާރަށް ތިލާވަތުކުރައްވައިފައި އަނެއްބައި ރޭރޭ ވަންހަނާކޮށް މަޑުއަޑުފުޅަކުން ތިލާވަތުކުރައްވައެވެ. އަދި ބައެއް ފަހަރު ދަމުނަމާދުގައި އެންމެ އާޔަތެއް ތަކުރާރުކުރައްވަކުރައްވާ މުޅިރޭ ހުންނަވައިފާނެއެވެ. ހަމައެހެންމެ ބައެއް ފަހަރު ވަރަށް ދިގުކޮށް ތިލާވަތުކުރައްވައިފައި އަނެއްބައި ރޭރޭ މާ ކުރުކުރުކޮށް ނިމަވައި ވެސް ލައްވަފާނެއެވެ. އަބަދު އެއް މިނެން ގެންގުޅުއްވީއެއް ނޫނެވެ. ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމަށް އެކަލޭގެފާނު ވަނީ އަމުރުކުރައްވައިފައެވެ. ޙަދީޘްކުރެއްވިއެވެ. «زَيِّنُوا القُرْآنَ بِأَصْوَاتِكُمْ» (رواه أحمد) މާނައީ: "ތިޔަބައިމީހުންގެ އަޑުތަކުން ޤުރުއާން ޒީނަތްތެރިކުރާށެވެ!" ރީތިކޮށް ކިޔަވާ މީހެއް ކަމުގައި ވާނީ ކިހިނެއް ކިޔެވީމައިތޯ އެވެ އަހައި އެކަލޭގެފާނަށް ސުވާލުދެންނެވުނެވެ. އެ ހިނދު ޙަދީޘްކުރެއްވިއެވެ. «مَنْ إِذَا سَمِعْتَهُ يَقْرَأُ، أُرِيتَ أَنَّهُ يَخْشَى اللَّهَ» (سنن الدارمي) މާނައީ: "އެ މީހަކީ، ޤުރުއާން ކިޔަވާ އަޑުއިވޭ ހިނދު، އޭނާ އެ ކިޔަވަނީ ﷲއަށް ބިރުވަތައިގެންހުރެކަން އަހާ މީހާއަށް ފާހަގަވާ މީހާއެވެ." މާތް ﷲއަށް ބިރުވެތިވުމުގެ ވާހަކަ ބަޔާންވެ އަންނަ އާޔަތެއް ތިލާވަތުކުރައްވަންޏާ އެކަލޭގެފާނު ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވައެވެ. އަދި މާތް ﷲގެ ރަޙްމަތްފުޅުގެ ވާހަކަ އާޔަތެއްގައި އަތުވެއްޖެއްޔާ ރަޙްމަތްލެއްވުންއެދިވަޑައިގެން ދުޢާކުރައްވައެވެ. އަދި ހަމައެހެންމެ ﷲގެ ހުސްޠާހިރުވަންތަކަމުގެ އާޔަތެއް ތިލާވަތުކުރެއްވިއްޖެއްޔާ އެކަލާނގެއަށް ތަސްބީޙަ ވިދާޅުވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކީރިތި ޤުރުއާން ހަމައެކަނި ތިލާވަތުކުރެއްވީއެއް ނޫނެވެ. އޭގެ އާޔަތްތަކުގައި އަންގަވައިފައި އޮތް ގޮތަށް ދިރިއުޅުން ތަމްސީލު ވެސް ކުރެއްވީއެވެ. ކީރިތި ޤުރުއާނުގެ އަޚުލާޤުފުޅު ނަމޫނާ ވެސް ކުރެއްވީއެވެ. އެކަމަށް ޓަކައި އެކަލޭގެފާނު ކުރައްވާ އެންމެ މުހިންމު ކަމަކީ ކީރިތި ޤުރުއާނަށް ތަދައްބުރުކުރައްވައި ވިސްނަވައި ފިކުރުހިންގެވުމެވެ. އެއީ އިތުރު އެކަލޭގެފާނު ކުރެއްވި ވަރަށް މަތިވެރި އަޅުކަމެއް ވެސް މެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا﴾ ‎(محمد: ٢٤)‏ މާނައީ: "ފަހެ ޤުރުއާނާމެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެބައިމީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީހެއްޔެވެ؟" މި ދަންނަވައިލެވުނީ ކީރިތި ޤުރުއާން ތިލާވަތުކުރެއްވުމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެންގުޅުއްވި ބައެއް މުހިންމު އަދަބުތަކެވެ. އެކަލޭގެފާނުގެ ވެރި އިލާހުގެ ކަލާމްފުޅަށް ނުހަނު ބޮޑު ލޯތްބެއް ބެހެއްޓެވިއެވެ. ވަރަށް ބޮޑަށް އިޙްތިރާމާއި ޤަދަރުކުރެއްވިއެވެ. އެކަމުން މި އުންމަތައް ދޫކުރައްވައިފައި އެ ވވަނީ ރިވެތި ނަމޫނާއެކެވެ. އެ ނަމޫނާއަށް ތަބާވެ، އެ ގޮތުގެ މަތީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ