ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން، ގިނަ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

އަންނަ އަހަރު، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭއިރު، އެ ދުވަސް ގިނަ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބުގައި ވަނީ، ދިވެހީންގެ ގައުމީ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނުވި އިލާހީ ނިއުމަތަކީ، ހުރިހާ ރައްޔިތުން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ ދީނުގެ އުސޫލުތަކުގެ މައްޗަށް އަނބުރައިލުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވި ހާދިސާއިން ގިނަ އިބުރަތްތައް ހާސިލުވާ ކަމަށެވެ. އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވަނީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެގެންކަމަށާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމާއެކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކޮށް، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެއިން ކޮންމެ އަޚަކާއި އުޚްތަކުމެ ލަހައްޓަވައި، ދަރުމަ އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަން،" ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ދީނަށް ލޯބިކުރާ އެއްބައިވަންތަ ގައުމެއް ގޮތުގައި ދެމެހެއްޓުން ކަމަށް ----- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެއް ކަމަށާއި، ކީރިތި ރަސޫލާ ނަބަވީ ރިސާލަތު ފެތުރުއްވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ ޢަޤީދާއާއި ރިވެތި އުޅުމާއި މުޢާމަލާތު ދަސްކޮށްދެއްވުމުގައި ކަމަށެވެ. ރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ގައުމަށް އުމްރާނީ ތަރައްގީ ގެންނަހެން ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމަށާއި ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކޮށް، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެއާއެކު، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުންނާ ހަވާލާދީ ރައީސް ފާހަގަކުރެއްވީ، ޙަޤީޤަތަކީ ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓައި، ސާފުތާހިރު، އުޅުންހުރި، ބައެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދައި، ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ އެ ރީތި ސިފަތަކާ އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަންރައީސް ޑރ. މުޙައްމަދު މުއިއްޒު އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭއިރު، އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. އެހެންވެ، ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ